ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު އެޗްޑީސީއާ ހަވާލުކޮށްފި

ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު އެޗްޑީސީއާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ސިޓީގައި އިތުރު 2،000 ހައުސިން ޔުނިޓް އެޅުމުގެ ބިޔަ މަޝްރޫއު ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މުހިންމު ވައުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ، ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ސަރުކާރުން އެޗްޑީސީއާ ހަވާލުކުރީ ޖުމުލަ 3،400 ހައުސިން ޔުނިޓުގެ މަސައްކަތް ކަމަށެވެ. އޭގެ ތެރޭގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސައްކަތް ހުއްޓިފައިވާ 400 ޔުނިޓުގެ މަޝްރޫއު އަލުން ފަށައިގެން ކުރިއަށް ގެންދިއުމާއި، މުޅިން އަލަށް ފަށާ 2،000 ޔުނިޓުގެ މަޝްރޫއު ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިރޭ ސޮއިކުރި 2،000 ޔުނިޓުގެ ތެރެއިން 700 ޔުނިޓް ހާއްސަކޮށްފައިވަނީ އަމިއްލަ ގޯތި ލިބިފައިވާ ފަރާތްތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަތްސަތޭކަ ޔުނިޓް މި ހާއްސަ ކުރަނީ ތިބޭފުޅުންގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ މީހުންނަށް. އެއީ ކޮންމެ ޔުނިޓަކީ ތިން ކޮޓަރީގެ ގެއެއް،" ރައީސް ވިދާޅުވި އެވެ. އެގޮތަށް ގެ އަޅަން ބޭނުންވާ ފަރާތްތައް ކަނޑައަޅައި، އެކަން ނިމުމާއެކު ޢަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މި ބިޔަ މަޝްރޫއު އެޗްޑީސީއާ ހަވާލުކުރެއްވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެޗްޑީސީއަކީ ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާވާ، ޢުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަ، ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ގާބިލު ކުންފުނި ކަމަށެވެ. އެހެންކަމުން، އެއްބަސްވުމާ އެއްގޮތަށް މި މަޝްރޫއުތަކަށް އިސްކަންދީގެން ކުރިއަށް ގެންދިއުމަކީ އެޗްޑީސީގެ މުހިންމު ޒިންމާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.