ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއޭސީއެލް އިން ހދ. ކުމުންދޫގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ‏‏ސެންޓަރުގެ ބިންގާ އަޅައިފި‏

ކުމުންދޫގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ‏‏ސެންޓަރުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް
ކުމުންދޫގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ‏‏ސެންޓަރުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހދ. ކުމުންދޫގައި ޒަމާނީ ފެންވަރަށް ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެރަށަށް ކުރެއްވި ޒިޔާރަތާ ދިމާކޮށެވެ.

ކުމުންދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ގާއިމުކުރާ މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ، މިނިސްޓަރ އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު އަދި ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދުއެވެ.

ކުމުންދޫގައި މި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތަކީ، އެމްއޭސީއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން، ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ހެދުމަށް ކުޅިވަރާ ބެހޭ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 18 އޮގަސްޓް 2025 ގައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2026 ވަނަ އަހަރުގެ ނިޔަލަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ.