ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިލަދުންމައްޗަށް ރައީސްކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ތިލަދުންމަތީ ދެކުނުބުރީގެ 13 ރަށަކަށް ރައީސް ޒިޔާރަތްކުރެއްވި -- ފޮޓޯ: ރައީސް އޮފީސް
ތިލަދުންމަތީ ދެކުނުބުރީގެ 13 ރަށަކަށް ރައީސް ޒިޔާރަތްކުރެއްވި -- ފޮޓޯ: ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީގެ 13 ރަށަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ޙާލަތު ބައްލަވައި، ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ފައްޓަވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީގެ ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ، މަކުނުދޫ އަދި ކުޅުދުއްފުށި ސިޓީއަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް އެންމެ ބޭނުންތެރި ކަންކަމާއި ގުޅޭގޮތުން އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ސަރުކާރުގެ "ނޮދަރން އިންޓެގްރޭޓަޑް ޑިވެލޮޕްމެންޓް ޒޯން"ގެ ތަޞައްވަރަށް މަގުފަހިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ. އޭގެތެރޭގައި، ފަތުރުވެރިކަމުގެ އައު މަންޒިލްތައް ޤާއިމުކުރުމާއި، ވައިގެބަނދަރާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުން ހިމެނެއެވެ. އަދި ގެދޮރުވެރިކަމާއި، ތަޢުލީމާއި، ސިއްޙަތުގެ ދާއިރާއިންނާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރުމަށް އަމާޒުކޮށް ގިނަ މަޝްރޫޢުތަކެއް އިފްތިތާޙްކޮށް، އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވެއެވެ.

ރަށްރަށުގައި ބޭއްވެވި ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް ކުރާ މަސައްކަތުގެ ބޭނުން ހިފައި، ރަށްރަށުގެ ތަރައްޤީއަށް އިސްނެގުމަށް ކައުންސިލްތަކަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް ނާޅާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ވަފުދުގެ ބޭފުޅުން ވަނީ، ކޮންމެ ރަށެއްގައި ހިނގަމުންދާ އަދި ރޭވިފައިވާ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވާފައެވެ.

މި ދަތުރުފުޅަކީ، ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އެމީހުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ހާމަކޮށްދެއްވި ދަތުރުފުޅެކެވެ.