ހިލޭ އައިނު ހަދައިދޭ ފިހާރައެއް ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ހުޅުވައިފި
އާސަންދައިގެ ދަށުން ރައްޔިތުންނަށް ހިލޭ އައިނު ހަދައިދިނުމަށް އައިޖީއެމްއެޗްގައި ފެށި ޚިދުމަތަށް ލިބުނު ބޮޑު ތަރުޙީބަށްފަހު، އެ ޚިދުމަތް މިހާރު ހުޅުމާލެއަށް ވެސް ފުޅާކޮށް، ހުޅުމާލެ ހޮސްޕިޓަލުގައި އެފަދަ ފިހާރައެއް ހުޅުވައިފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ "އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުމާލެ" ގެ ނަމުގައި ހުޅުވި މި ފިހާރައިގެ މައިގަނޑު މަޤްޞަދަކީ، އައިނު ހެއްދުމަށް ރައްޔިތުން ކުރާ ބޮޑު ހޭދައަށް ލުޔެއް ހޯއްދަވައިދިނުމެވެ.
މި ފިހާރަ ހުޅުއްވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްސީޖީއެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މި ޚިދުމަތް ހުޅުމާލޭގައި ފެށުމަކީ އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމުގެ ބުރަ ނެތި، ފަސޭހަކަމާއެކު ޚިދުމަތް ހޯދުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
އާސަންދައިން ކޮންމެ ރައްޔިތަކަށް އައިނު ހެއްދުމަށް ކަނޑައަޅާފައިވާ 2000 ރުފިޔާގެ ލިމިޓްގެ ތެރެއިން، މި ފިހާރައިން މުޅިން ހިލޭ އައިނު ހެއްދޭނެކަމަށް ސީއީއޯ ވިދާޅުވިއެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގުގެ ތިރީ ފަންގިފިލާގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކޮށްފައިވާ މި ފިހާރައިން ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ޚިދުމަތް ފޯރުކޮށްދޭނެއެވެ.
Ads by BMLމިދިޔަ ޖުލައި މަހު އައިޖީއެމްއެޗްގައި މި ޚިދުމަތް ފެށި ފަހުން، ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އެގޮތުން، ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 1161 އައިނު އައިޖީއެމްއެޗްގެ ފިހާރައިން ހަދާފައިވާއިރު، ކޮންމެ ދުވަހަކު 80 އާއި 100 އާ ދެމެދުގެ އަދަދަކަށް މީހުން ޚިދުމަތް ހޯދުމަށް ޒިޔާރަތްކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތާ އެއްގޮތަށް، އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފަށާފައިވާ މި ޚިދުމަތް، ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގައި ވެސް ޤާއިމްކުރުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
Ads by MACL
