ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މި ސަރުކާރުން ރާއްޖޭގައި ކަނދުފަތި އެޅުމުގެ މަސައްކަތް އެހެން ހުރިހާ ސަރުކާރުތަކަށްވުރެ ހަލުވިކޮށްފި

މި ސަރުކާރުން ރާއްޖޭގައި ކަނދުފަތި އެޅުމުގެ މަސައްކަތް އެހެން ހުރިހާ ސަރުކާރުތަކަށްވުރެ ހަލުވިކޮށްފި

މި ސަރުކާރުން ރާއްޖޭގައި ކަނދުފަތި އެޅުމުގެ މަސައްކަތް އެހެން ހުރިހާ ސަރުކާރުތަކަށްވުރެ ހަލުވިކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރަށް މިހާތަނަށް ކަނދުފަތި އަޅާފައިވާ ކަމަށެވެ.

އެހެން އެއްވެސް ސަރުކާރަކުން މި މިންވަރަށް ކަނދުފަތި އަޅާފައި ނުވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވަޒީރު ޝިޔާމް މިހެން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ދެ ބާވަތެއްގެ ކަނދުފަތި ބޭނުންކުރެވެއެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.

ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ފަރުމަސްވެރިކަމަށް ޝައުޤުވެރިކަން ބޮޑެވެ. ޚާއްސަކޮށް ހދ. އަތޮޅުގެ ގިނަ ރަށްރަށުން ވަދު ކަނދުފަތި އެޅުމަށް އެދެމުންދެއެވެ. މިހާރުވެސް ރާއްޖޭގެ ދެކުނުގައި 8 ކަނދުފަތި ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސްޕޯޓްސް ފިޝިން ކޮމިއުނިޓީތައް ހުރި ރަށްރަށް ވުޒާރާއިން ފާހަގަކޮށް، އެ ސަރަހައްދުތަކުގައި ކަނދުފަތި އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދަނީ ފަންނީ ބޭފުޅުންގެ ޓީމެއް މެދުވެރިކޮށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، "ރައީސް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދިވެހިރާއްޖޭގައި އެންމެ ގިނަ ވަދު ކަނދުފަތި އަހަރެއްގެ ތެރޭގައި އެޅިގެން މިދިޔައީވެސް. މިދިޔަ އަހަރު އެޅި ކަނދުފަތިތަކަށްވުރެ ގިނަ ކަނދުފަތިތަކެއް މިއަހަރުވެސް އެޅިގެންދާނެ. މިވެސް ވަރަށް ބޮޑަށް ރައްޔިތުން އެދޭ ކަމަކަށްވާތީއާއި އެކީގައި ރައީސްގެ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް މިކަމުގައިވެސް އެބައޮތް."

މީގެ އިތުރުން މަސް ކަނދުފަތީގެ ވިއުގައެއް އެބައޮތް ކަމަށާއި، އެ ވިއުގައަށް އިތުރުކުރަންޖެހޭ ކަނދުފަތިތަކުގެ ދިރާސާތައް ހަދައި، ވިއުގައިން ކެނޑޭ ކޮންމެ ކަނދުފައްޗެއް ރީ-އިންސްޓޯލް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި ސަރުކާރުން މިހާތަނަށް މުޅިން އަލަށް 22 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވެއެވެ. ސަރުކާރުން ދަނީ ރާއްޖޭގެ 2 ސަރަހައްދެއްގައި ކަނދުފަތި ސެންޓަރު އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ ޢަމަލީ މަސައްކަތް މިއަންނަ ޑިސެންބަރު މަހުގެ ކުރިން ފެށޭނެ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.