ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހދ. ކުމުންދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފި

ހދ. ކުމުންދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ އެންމެހާ ރަށްތަކުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހދ. ކުމުންދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓެއް ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. މީގެ އިތުރުން، މިރަށުގައި އަލަށް ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ކުމުންދޫގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާއި ކުމުންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަމީންއެވެ. ޕޮލިސް ޕޯސްޓް ހުޅުވުމަށްފަހު، ޤައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަމީންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އަޕަރ ނޯތު ޕޮލިސްގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާޙީމް ޒުހުރީއާއި ކުޅުއްފުށި ސިޓީ ކޮމާންޑަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސަޢީދުއާއި ކުމުންދޫ ކައުންސިލް މެންބަރުންނާއި އެރަށުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޕޮލިސް ޕޯސްޓް ހުޅުވުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ޕޮލިސް ޕޯސްޓްގެ ހާލަތު ބައްލަވައިލައްވާފައެވެ.

ކުމުންދޫގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ފުލުހުންގެ އައު މަރުކަޒެއް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް ވަނީ އިއްޔެ ފަށާފައެވެ. މިރަސްމިއްޔާތުގައި މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާންއާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި މަސައްކަތްތަކަކީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިއްމު ބައެކެވެ.