ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީޑިއާ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މީޑިއާ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ނޫސްތަކަށް ފިޔަވަޅު އެޅުމާއި ބައެއް ހާލަތްތަކުގައި ނޫސްތަކުގެ ރަޖިސްޓަރީ ބާތިލްކުރުމުގެ ބާރު ލިބިދޭ ގޮތަށް އެކުލަވާލާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" އަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފި އެވެ. މި ބިލަކީ މީގެ ކުރިން ވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ބިލާ މެދު އާންމުންގެ އެއްވެސް ހިޔާލެއް އޮތްނަމަ، ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އީމެއިލް ނުވަތަ ލިޔުމުން ހުށަހެޅިދާނެ އެވެ. މި ބިލާ ގުޅޭ ކޮމިޓީ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ކޮމިޓީގެ މުގައްރިރު ހުސައިން ރިޒާ އާދަމް ވިދާޅުވީ މި ހުށަހެޅުން ފާސްވެފައިވާ ކަމަށެވެ.

މިފަހަރުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ބިލަށް އަމަލު ކުރަން ފެށުމާއެކު މިހާރު ހުރި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލައި، އާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުމަށް ހަމަޖެހިފައިވެ އެވެ. މި އާ ކޮމިޝަނަށް ނޫސްތައް ރަޖިސްޓަރީ ކުރުމާއި، ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލުމާއި، ނޫސްތަކުގެ ސުލޫކު ކަނޑައެޅުމާއި، މީޑިއާ މޮނިޓާ ކުރުމާއި، ބްރޯޑްކާސްޓް ކުރުމަށް ލައިސަންސް ދޫކުރުންފަދަ ބާރުތައް ލިބިދެ އެވެ.

އާ ކޮމިޝަންގައި ތިބޭ 7 މެންބަރުންގެ ތެރެއިން 3 މެންބަރުންނާއި ކޮމިޝަންގެ ރައީސް އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބާކީ ތިބޭ 3 މެންބަރުން ކޮމިޝަނަށް ހޮވަނީ ރަޖިސްޓަރީ ކުރިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުން ވޯޓު ދީގެންނެވެ.

ބިލްގައިވާ ގޮތުން، އަލަށް އުފައްދާ ކޮމިޝަނަށް 100,000 ރުފިޔާއާ ހަމައަށް ނޫސްތައް ޖޫރިމަނާކުރުމުގެ ބާރު ލިބެ އެވެ. އަދި ނޫހެއްގެ މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި އެ ނޫހެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ހިފެހެއްޓުމާއި، ކޯޓަށް ގޮސްގެން ރަޖިސްޓަރީ ބާތިލްކުރުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިގެންވެ އެވެ. މީގެ އިތުރުން ނިއުސް ވެބްސައިޓެއް ބްލޮކް ކުރުމާއި ޓީވީގެ ބްރޯޑްކާސްޓް ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.


ބިލްގައިވާ ގޮތުން، އާ ކޮމިޝަނަށް ބެލޭނީ ބިލް ތަސްދީގު ކުރާ ދުވަހުގެ ކުރިއަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ނުވާ މައްސަލަތަކާއި، ތަސްދީގު ކުރާ ފަހުން ހުށަހަޅާ މައްސަލަތަކެވެ. އާ ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.