ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުތުރަށް ވައިޓް އެލާޓް: ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ

އުތުރަށް ވައިޓް އެލާޓް: ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ

މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ މޫސުން ގޯސްވެ، ވައި ގަދަވެ ކަނޑުތައް ގަދަވާނެއެވެ. މިކަމާ ގުޅިގެން މިއަދު މެންދުރުފަހުގެ ވަގުތާ ހަމައަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 7:00 އިން މެންދުރުފަހު 1:00 އަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނާ ގޮތުން، އެލާޓްގެ ވަގުތުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ވައިގަދަވުން ގަޑިއަކު 40 މޭލަށް އަރާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ވަނީ އަންގާފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ގިނަ ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް މެޓުން ބުނެއެވެ. ޚާއްޞަކޮށް މިރޭން ފެށިގެން މި ދެ ސަރަޙައްދަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

އެހެންކަމުން، މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. ޢާންމު ގޮތެއްގައި، ހުޅަނގާއި ހުޅަނގު ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އެހެނިހެން ހިސާބުތަކުގައި ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހިފައިވާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށްކަން މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެރަށަށް ވަނީ 10.9 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.