ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޅިވަރަކީ ރާއްޖެ ދުނިޔެއަށް ތަޢާރަފުކުރާނެ ވަޞީލަތެއް: ވަޒީރު ރާފިޢު

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ---
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ---

ކުޅިވަރުގެ ޒަރީއާއިން ރާއްޖެ ބައިނަލްއަޤްވާމީ ދުނިޔެއަށް ތަޢާރަފުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މިކަމުގައި "ސްޕޯޓްސް ޓޫރިޒަމް" އަކީ ރާއްޖެ އިޝްތިހާރުކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވަނީ، ކުޅިވަރުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަކީ އެންމެ މުހިންމު އެއްކަންތައްކަން ފާހަގަކުރައްވާފައެވެ.

މި ވިސްނުން ޢަމަލީ ސިފައެއްގައި ގެނައުމުގެ ފުރަތަމަ މިސާލެއްގެ ގޮތުން، ވަޒީރު ފާހަގަކުރެއްވީ އަންނަ މަހު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތެވެ. ބޭރު ޤައުމުތަކުގެ ބައިވެރިވުމާއެކު ކުރިއަށްދާ މި މުބާރާތަކީ، މީގެކުރިން ރާއްޖޭގައި ނުބާއްވާ ފެންވަރުގެ، އެންމެ ކާމިޔާބު ބައިނަލްއަޤްވާމީ މުބާރާތަށް ހެދުމަކީ ސަރުކާރުގެ އުންމީދުކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބޮޑު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ކުޅުދުއްފުށި ސިޓީގައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޒަމާނީ ބީޗް އެރީނާއެއް ޤާއިމުކުރާނެކަން ވަޒީރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. "އިރާދަކުރެއްވިއްޔާ މިތަނުގައި ޤާއިމުވެގެންދާނީ އިންޓަނޭޝަނަލް ގޭމްސް ކުޅެވޭވަރުގެ ބީޗް އެރީނާއެއް. އެއީ ހިޔާގަނޑާ އެއްކޮށް ސީޓިންގ ކެޕޭސިޓީ ލާފައި، މެދުގައި ބީޗް ކޯޓު ލެވިގެންދާ ތަނެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި މުބާރާތާއި އަލަށް ޤާއިމުކުރެވޭ އެރީނާއަކީ ހަމައެކަނި ވަގުތީ ކަމެއް ނޫން ކަމަށެވެ. އެއީ މުސްތަޤްބަލުގައިވެސް މިފަދަ ބައިނަލްއަޤްވާމީ އިތުރު މުބާރާތްތަކަށް މަގުފަހިކޮށް، ކުޅުދުއްފުށި ސިޓީއަށާއި ރާއްޖޭގެ ކުޅިވަރަށް ލިބިގެންދާނެ ދާއިމީ އަދި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.