ޗައިނާގެ ތާރީޚީ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޢިއްޒު އެގައުމަށް
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޗައިނާގެ ތާރީޚީ މުނާސަބަތެއް ފާހަގަކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް، އަންނަ މަހު އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މި ރަސްމިއްޔާތަކީ، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ މައްޗަށް ޗައިނާއިން ހޯދި ކާމިޔާބީއަށް 80 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަފުލާއެކެވެ. މިއީ، އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވި ފަހުން ޗައިނާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ.
ޗައިނާ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ "ގްލޯބަލް ޓައިމްސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަފުލާގައި ދުނިޔޭގެ 26 ޤައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ފަދަ ބާރުގަދަ ލީޑަރުން ހިމެނިވަޑައިގަންނަވައެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ.
Ads by BMLރައީސް މުއިއްޒުގެ ވެރިކަމުގައި ޗައިނާއާއެކު އޮންނަ ގުޅުންތަކަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ވެސް ޗައިނާއަށްކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
