ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީ، މުޙައްމަދު އުމަރު މަނިކު އަވަހާރަވެއްޖެ
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން އަދި ޔުނިވަރސަލް އެންޓަޕްރައިސަސް ލިމިޓެޑްގެ ޗެއާމަން މުޙައްމަދު އުމަރު މަނިކު (އެމް.ޔޫ. މަނިކު) އަވަހާރަވެއްޖެއެވެ. އެމް.ޔޫ. މަނިކު އަވަހާރަވީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައި.ސީ.ޔޫ.ގައި އާލާސްކަންފުޅަކަށް ފަރުވާދެމުން ގެންދަނިކޮށް، ރޭ ފަތިހުއެވެ.
އެމް.ޔޫ. މަނިކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފެށުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅެކެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ރިސޯޓުތައް ތަމްސީލުކުރާ މަޓީގެ ކޯ-ފައުންޑަރެއްގެ ހައިސިއްޔަތުން އޭނާ ވަނީ މި ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ. އޭގެ ތެރޭގައި ރާއްޖެއާ ޔޫރަޕް ގުޅުވުމުގެ މަސައްކަތް ފެށްޓެވުމަށް، ފުރަތަމަ ފަހަރަށް ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ތަޢާރަފުކުރުމުގައި އަދާކުރެއްވި މުހިންމު ދައުރު ފާހަގަކޮށްލެވެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީގެ ގޮތުގައި އެމް.ޔޫ. މަނިކު ފާހަގަކުރެވޭއިރު، އޭނާ ވަނީ 2013 ވަނަ އަހަރުގެ ޖޫން މަހު އެމް.އޭ.ސީ.އެލް.ގެ ޗެއާމަންގެ މަޤާމަށް ވެސް އައްޔަން ކުރެވިފައެވެ. ނަމަވެސް 2024 ވަނަ އަހަރު، ބަލި ހާލަތު ހުރި ގޮތުން މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެ، އެ މަޤާމުން އިސްތިއުފާ ދެއްވިއެވެ.
Ads by BMLފަތުރުވެރިކަމުގެ ދާއިރާއަށް ކުރެއްވި އަގުހުރި ޚިދުމަތްތަކުގެ ސަބަބުން، އެމް.ޔޫ. މަނިކަށް ވަނީ ގިނަ ޢިނާމުތަކެއް ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި 1982 ވަނަ އަހަރުގެ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޢިނާމާއި، 2002 ވަނަ އަހަރު މި ރޮނގުން ޝަރަފުވެރިކަމުގެ ޢިނާމު ހިމެނެއެވެ. މީގެ އިތުރުން، މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ ޢިނާމު ވެސް އޭނާއަށް ލިބިވަޑައިގެންފައިވެއެވެ.
Ads by MACL
