ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސަށް ޗައިނާއިން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސަށް ޗައިނާއިން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ދައުވަތަކަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ބެއިޖިންގ ކެޕިޓަލް އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މި ދަތުރުފުޅަކީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޗައިނާގެ މިނިސްޓަރ އޮފް އެމަރޖެންސީ މެނޭޖްމަންޓް ވާންގ ޒިޔާންގޒީ، ރައީސް މުޢިއްޒުއަށް މަރުޙަބާ ދެންނެވުމުގައި އިސްކޮށް ހުންނެވިއިރު، ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝަންގހުވާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ޝަރަފުގެ އޮނަރގާޑެއް އަރުވައި، ސަޤާފީ ހަރަކާތްތަކެއް ވެސް ވަނީ ހުށަހަޅާފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން، މޫސުމަށް އަންނަ ބަދަލުތަކާއި، އިޤްތިޞާދީ ގޮންޖެހުންތަކާއި، ބައިނަލްއަޤުވާމީ ގުޅުންތަކުގެ މުހިންމުކަން ފަދަ މައްސަލަތަކާ ގުޅޭގޮތުން، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެސް.ސީ.އޯ އަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ މަސްރަހަށް އަމާޒުކޮށްގެން، 2001 ވަނަ އަހަރު އުފެއްދި ސަރަޙައްދީ ޖަމުޢިއްޔާއެކެވެ.

ފުރަތަމަ ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާން ހިމެނޭހެން 6 ޤައުމަކުން ފެށި މި ޖަމުޢިއްޔާގައި މިހާރު 10 މެންބަރު ޤައުމު ހިމެނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމުޢިއްޔާގެ ގޮތުގައި ފާހަގަކުރެވޭ އެސް.ސީ.އޯ ގައި، އޮބްޒަރވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ޤައުމުތައް ވެސް ހަރަކާތްތެރިވެއެވެ. ދިވެހިރާއްޖެއަކީ އެސް.ސީ.އޯ ގެ ޑަޔަލޮގް ޕާޓްނަރެކެވެ.