ފުލުހުންގެ ކޮންމެ އަމަލަކީ އިތުބާރާ ގުޅިފައިވާ ކަމެއް: ސީޕީ ނަވީން
ފުލުހުންގެ ކޮންމެ އަމަލަކީ ރައްޔިތުންގެ އިތުބާރު ލިބުމާއި ގެއްލުމާ ސީދާ ގުޅިފައިވާ ކަމެއްކަމަށާއި، އެހެންކަމުން މުޖުތަމައުގެ އިތުބާރު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، އަލަށް ދަސްވެނިވި ފުލުހުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ސީޕީ މިކަމަށް ގޮވާލެއްވީ، 40 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ނިންމި ދަރިވަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ ޔުނީފޯމަކީ ހަމައެކަނި ހެދުމެއް ނޫން ކަމަށާއި، އެއީ ކޮނޑުގައި އެޅޭ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއްގެ ނިޝާނެއް ކަމަށެވެ. އެހެންކަމުން، އެ ޔުނީފޯމަށް އަބަދުވެސް އިޚުލާސްތެރިވެ، ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައިގެން މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
Ads by BML"ތިޔަ ފުލުހުން ކުރާ ކޮންމެ އަމަލަކުން ވެސް ރައްޔިތުންގެ އިތުބާރު އިތުރުވާނެ. ނުވަތަ [އިތުބާރު] ގެއްލިދާނެ. އެހެންކަމުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް އަބަދުވެސް އިސްކަންދޭންވާނެ،" ރައްޔިތުންގެ އިތުބާރު ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވިއެވެ.
އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް، ވަކިފަރާތަކަށް ނުޖެހި، ކެތްތެރިކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ފުލުހުންގެ ސިފައަކަށް ވާންޖެހޭނެ ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފުލުހުންނަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރާ ބައެއް ނޫން ކަމަށާއި، މުޖުތަމައުގެ "ބަލަދުވެރިން" ކަމުގައި ވާންޖެހޭނެ ކަމަށްވެސް ނަވީން ވަނީ ހަނދާންކޮށްދެއްވާފައެވެ.
އަލަށް ދަސްވެނިވި ފުލުހުންނަށް ކުރިމަތިވާނެ ގޮންޖެހުންތައް ފާހަގަކުރައްވަމުން، ކުށްކުރުމާއި އިޖުތިމާއީ މައްސަލަތަކާ ކެރިގެން ކުރިމަތިލައި، ފުލުހުންގެ ބެޖާއި ޝަރަފުގެ އިއްޒަތް ހިފަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގައި 138 ދަރިވަރުން ބައިވެރިވި ނަމަވެސް، ކޯސް ފުރިހަމަކޮށްފައިވަނީ 116 ދަރިވަރުންނެވެ. މި ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ސާޖަންޓް މުޙައްމަދު އަރުޝަދެވެ.
Ads by MACL
