ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް މުއިއްޒު އާއި ޝީ ޖިންޕިންގް އެއްބަސްވެވަޑައިގެންފި
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްມަދު މުއިއްޒުއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް މަޝްވަރާ ކުރައްވައި، އެކަމަށް އެއްބަސްވެވަޑައިގެންފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ޝީ ވަނީ ރައީސް ޑރ. މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައި، ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
Ads by BMLރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި ފަހުން ޗައިނާއަށް ކުރައްވާ ދެވަނަ ދަތުރުފުޅުކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ މި ފުރުސަތު ލިބިވަޑައިގަތުމުން އުފާފުޅު ކުރައްވާކަން ހާމަކުރައްވާފައެވެ.
ޗައިނާގެ ރައީސް ޝީ ވަނީ ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ޗައިނާ ސަރުކާރުން ދެއްވި ހޫނު މެހްމާންދާރީއަށް ރައީސް ޑރ. މުއިއްޒު ވެސް ވަނީ ޗައިނާގެ ރައީސް ޝީއަށް ޝުކުރު ދަންނަވާފައެވެ.
Ads by MACL
