ބަނގުރަލާއެކު ހައްޔަރުކުރި 3 ބިދޭސީއަކު ޑީޕޯޓުކުރަނީ، އަނެއް މީހާ ބަންދުގައި
މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި، ބަނގުރާ ގެންގުޅެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. އޭގެ ތެރެއިން ތިން މީހަކު ޑީޕޯޓުކޮށްލުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، އަނެއް މީހާ ވަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ސްރީ ލަންކާއަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެއީ ސެނިތު ހެޝަން ވިކްރަމަސިންހަ (29އ)، ދުލިތު މަޑުސާކާ (39އ) އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން (24އ) އެވެ. މި ތިން މީހުންނާ ގުޅުންހުރި ހެންވޭރުގެ ގެއަކާއި ސައިކަލެއް ބަލައި ފާސްކުރިއިރު، ތަފާތު ބްރޭންޑްތަކުގެ 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މީހުން މިހާރު ވަނީ ޑީޕޯޓުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ޕެޓްރޯލުކުރަމުން ދިޔަ ފުލުހުން، ޝައްކުކުރެވޭ ހަރަކާތްތަކެއް ހުރުމުން ވަނީ ބަންގްލަދޭޝްގެ ރައްޔިތަކު ހުއްޓުވައިފައެވެ. ޖަހަންގިރު ހޮސައިން (35އ) ނަމަކަށް ކިޔާ މި މީހާ ހުޅުމާލޭ ފޭސް 1 ގެ ރީތިގަސްމަގުން ސައިކަލުގައި ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 500އެމްއެލްގެ ނުވަ ފުޅި އަތުލައިގަނެފައިވެއެވެ. މި މައްސަލާގައި ޖަހަންގިރު ހޮސައިން ވަނީ ތަހުގީގަށް 10 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.
Ads by BMLފަހަކަށް އައިސް، ރާއްޖޭގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުމާއި އޭގެ ވިޔަފާރިކުރުމުގެ މައްސަލަތައް އިތުރުވެ، ފުލުހުން ދަނީ އެފަދަ ކަންކަން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިގޮތުން، މާލޭގައި ރާ އުފައްދައި ވިއްކި ބަޔަކު އަތުލައިގަތުމާއި، ގިނަ އަދަދެއްގެ ބަނގުރަލާއެކު ދިވެއްސަކު ހައްޔަރުކުރުމާއި، ޕިކަޕަކުން 144 ދަޅު ބަނގުރާ އަތުލައިގަތުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
