ކުށުގެ ވެށިން ކުޑަކުދިން ދުރުކޮށް، ހެޔޮ ގޮތްތަކަށް އަހުލުވެރިކުރުމަށް 'އުނގެނެމާ' ނަމުގައި ޕްރޮގްރާމެއް ފަށައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން، ޙުކުމް ތަންފީޒުކުރަމުންދާ އަދި ބަންދުގައި ތިބި ކުޑަކުދިން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި 'އުނގެނެމާ' ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ހަތަރު ކުއްޖަކު ބައިވެރިވެއެވެ.
ކަރެކްޝަންސްއިން ބުނީ، މި ޕްރޮގްރާމުގެ މައިގަނޑު އެއް އަމާޒަކީ، މި ކުދިންނަކީ މުޖުތަމަޢުން އެކަހެރިވެފައިވާ ބައެއް ނޫންކަން އިޙްސާސްކޮށްދީ، އެކުދިންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުން ކަމަށެވެ. މީގެ ދަށުން، އަމިއްލަ ނަފްސު ދެނެގަނެ، އިތުބާރު ބޮޑުކޮށް، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކެތްތެރިކަމާއެކު ކުރިމަތިލުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އިސްލާމްދީނުގެ އަސާސްތައް އުނގަންނައިދީ، ދީނަށް ލޯބިޖައްސައި، ރިވެތި އަޚްލާޤެއްގެ މަތީގައި ދެމިތިބުމަށް ބާރުއެޅުމަކީވެސް މުހިންމު މަޤްޞަދެކެވެ.
'އުނގެނެމާ' ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. އޭގެ ތެރޭގައި، ޤާނޫނާއި ޤަވާއިދަށް އަހުލުވެރިކުރުމުގެ ކްލާސްތަކާއި، ޕާސަނަލް ޑިވެލޮޕްމަންޓް ސެޝަންތަކާއި، ނަމާދާ ގުޅޭ ޚާއްޞަ ވޯކްޝޮޕެއްގެ އިތުރުން ހަތަރު ދީނީ ދަރުސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
Ads by BMLމި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 އޮގަސްޓް 25 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ކަރެކްޝަންސްގެ އުންމީދަކީ، މި ޕްރޮގްރާމް ނިމިގެންދާއިރު، ބައިވެރިވި ކުދިންނަކީ ޤާނޫނަށް ޙުރުމަތްތެރިކޮށްހިތާ، ނަފުސާނީ ގޮތުން ހޭލުންތެރި، އަދި މުޖުތަމަޢު ޤަބޫލުކުރާ ފަދަ ޒިންމާދާރު ބަޔަކަށް ވެގެން ދިއުމެވެ.
Ads by MACL
