ނޫސްވެރިން އެކްރެޑިޓްކުރުމުގެ އުސޫލެއް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައިފި
ބްރޯޑްކާސްޓިން ދާއިރާ ހަރުދަނާކޮށް، ނޫސްވެރިކަމަކީ ވަކި މިންގަނޑުތަކެއްގެ ތެރެއިން ކުރާ މަސައްކަތެއްކަން ކަށަވަރުކުރުމުގެ ގޮތުން، މި ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ޚާއްސަ ޝަރުތުތަކެއް ކަނޑައަޅައި އެކްރެޑިޓްކުރުމުގެ އުސޫލެއް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައިފިއެވެ. މި އުސޫލުގެ ސަބަބުން ނޫސްވެރިކަމުގެ ފެންވަރު ރަނގަޅުވެ، ދާއިރާގެ އިތުބާރު އިތުރުވެގެންދާނެއެވެ.
މި އުސޫލުގެ މައިގަނޑު މަޤްސަދަކީ ދާއިރާގެ ފެންވަރު މަތިކޮށް، ނޫސްވެރިންގެ ތަޢުލީމާއި ތަޖުރިބާގެ މިންގަނޑެއް ކަނޑައެޅުމެވެ. އަދި އެކްރެޑިޓް ކުރެވޭ ނޫސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލައި، އެ ފަރާތްތަކަށް ފާސް ދޫކުރުމާއި، ބްރޯޑްކާސްޓަރުންގެ ލައިސަންސްގެ ޝަރުތެއްގެ ގޮތުގައި އެ މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިންނަކީ މި ދަފްތަރުގައި ހިމެނޭ ބަޔަކަށްވުން ލާޒިމުކުރުމަކީވެސް މި އުސޫލުގެ ބޭނުމެކެވެ.
އުސޫލުގައިވާ ގޮތުން އެކްރެޑިޓޭޝަނަށް އެދި ހުށަހެޅޭނީ އެޑިޓަރުން، ރިޕޯޓަރުން، ޕްރެޒެންޓަރުން، ލިޔުންތެރިން، ފޮޓޯ އަދި ވީޑިއޯ ޖާނަލިސްޓުންނަށެވެ. މި ފަރާތްތަކަކީ ނޫސްވެރިކަމާ ގުޅުންހުރި ދާއިރާއަކުން އެމްކިއުއޭ ލެވެލް 3 ހާސިލްކޮށްފައިވާ ނުވަތަ މަދުވެގެން ތިން އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެއްވެސް ޖިނާއީ ކުށެއް ސާބިތުވެފައި ނެތުމަކީވެސް ލާޒިމު ޝަރުތެކެވެ.
Ads by BMLއެކްރެޑިޓޭޝަން ކާޑު ދޫކުރުމުގެ ކުރިން، ނޫސްވެރިންގެ އަޚްލާޤީ އަދި ފަންނީ ޒިންމާދާރުކަން ކަށަވަރުކުރުމަށް ބްރޯޑްކޮމް އިން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. މި ތަމްރީނުގައި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް، ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުން، ކާރިސާތަކާއި މުޒާހަރާތައް ކަވަރުކުރުމުގެ އުސޫލުތައް އަދި އިންތިޚާބުތަކާ ގުޅޭ ގައިޑްލައިންތަކަށް އަހުލުވެރިކުރުވާނެއެވެ.
މި އުސޫލުގެ ދަށުން ދޫކުރާ އެކްރެޑިޓޭޝަން ކާޑުގެ މުއްދަތަކީ ފަސް އަހަރުއެވެ. ނަމަވެސް، ކާޑު ލިބިފައިވާ ނޫސްވެރިއެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުން، ނުވަތަ ކޮމިޝަނުން ތަކުރާރުކޮށް އިސްލާޙުކުރުމަށް އަންގާ ކަންކަން އިސްލާޙުނުކޮށްފިނަމަ ކާޑު ބާޠިލުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
ބްރޯޑްކޮމްގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ޝާއިއުކުރާ ތާރީޚުން ފެށިގެން ހަ މަސް ދުވަސް ފަހުންނެވެ.
Ads by MACL
