ޗައިނާގެ އެސް.ސީ.އޯ ސަމިޓުގައި ރައީސް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިއްޖެ
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ގެ ސަމިޓުގައި ތަޤުރީރު ކުރައްވަން ހަމަޖެހިއްޖެއެވެ.
ރައީސްގެ މި ތަޤުރީރުގައި، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމާއެކު މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ރައީސް މުޢިއްޒު އިއްވަވާނެ މި ބަޔާނުގައި، ޚާއްޞަކޮށް މޫސުމީ ބަދަލުތަކުގެ ނުރައްކަލާއި، އިސްތިރާޖީ ސަބަބުތަކާ ގުޅިގެން އިޤްތިޞާދުތަކަށް ކުރިމަތިވާ ގެއްލުންތަކުގެ އިތުރުން، ދުނިޔޭގެ ސަރަޙައްދުތަކުގައި ހިނގަމުންދާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ ކަންކަމަށް ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާނެއެވެ.
Ads by BMLމި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި، ޓިއަންޖިންގައި ބޭއްވެވި ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ސަމިޓުގެ ހަވާސާގައި އެހެން ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވުން ވެސް ހިމެނެއެވެ.
އެސް.ސީ.އޯ އަކީ 2001 ވަނަ އަހަރު ޔޫރޭޝިއާ ސަރަޙައްދުގައި ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި އުފެއްދި ޖަމްޢިއްޔާއެކެވެ. އާބާދީއާއި ޖިއޮގްރަފީގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމްޢިއްޔާގެ ގޮތުގައި ބެލެވޭ މި ޖަމްޢިއްޔާގައި މިހާރު 10 ޤައުމެއް މެންބަރުންގެ ގޮތުގައި ހިމެނެއެވެ. ދިވެހިރާއްޖެއަކީ އެސް.ސީ.އޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.
ރައީސް ޑރ. މުޢިއްޒު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅު މިއީއެވެ. މި ދަތުރުފުޅުތަކުން، ޗައިނާއާއެކު އޮންނަ ގުޅުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ދައުރު ހަރުދަނާކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ހާމަވެއެވެ.
Ads by MACL
