ނަފްސާނީ ބަލި ހުންނަ ދަރިއެއްގެ ހަމަލާއިން ޒަޚަމްވި ބައްޕައަށް މާލޭގައި ފަރުވާ ދެނީ
އއ. އުކުޅަހުގައި، ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ޒުވާނަކު ދިން ހަމަލާއެއްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު އޭނާގެ ބައްޕަ، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފިއެވެ. މި ހާދިސާގައި ޒަޚަމްވި ބައްޕަގެ އިތުރުން، ހަމަލާދިން އޭނާގެ ދަރިފުޅު ވެސް ވަނީ މާލެ ގެނެސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ، އުމުރުން 26 އަހަރުގެ ދަރިފުޅަށް ގަވާއިދުން ޖަހަންޖެހޭ އިންޖެކްޝަނެއް ޖެހުމާ ގުޅިގެން ދެބަސްވުމެއް އުފެދުމުންނެވެ. އުކުޅަސް ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވި ގޮތުގައި، ޒުވާނާ އިންޖެކްޝަން ޖަހަން ދެކޮޅު ހަދާތީ، އާއިލާއިން ވަނީ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކު މިފަހަރު ރަށު ސިއްހީ މަރުކަޒުގެ އެހީގައި ގޭގައި އިންޖެކްޝަން ޖެހުމަށް ނިންމާފައެވެ. އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ.
ރޭ ސިއްހީ މަރުކަޒުގެ ފަރާތުން އެގެއަށް ގޮސް އިންޖެކްޝަން ޖަހާފައި ދިޔަތާ އިރުކޮޅެއް ފަހުން ދަރިފުޅު ވަނީ ބައްޕައަށް ހަމަލާދީފައެވެ. މި ހަމަލާގައި އުމުރުން 60 އަހަރުން މަތީގެ ބައްޕަގެ ވާތު ފައިގެ މީދާ މަސްގަނޑާށާއި ބަނޑަށް ވަޅި ހަރާފައިވެއެވެ. ފުރަތަމަ ފަރުވާ ރަށު ސިއްހީ މަރުކަޒުން ދިނުމަށްފަހު، ބަނޑަށް ލިބުނު ޒަޚަމްގެ ސަބަބުން އެތެރެހައްޓަށް ލޭއެޅުމުގެ ފުރުސަތު އޮތުމުން އިތުރު ފަރުވާއަށް ފަތިހު މާލެ ފޮނުވާލީއެވެ.
Ads by BMLއައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ބައްޕަގެ ހާލު މިވަގުތު ސީރިއަސް ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. ހަމަލާދިން ދަރިފުޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލާފައިވާއިރު، އޭނާވެސް ވަނީ އިތުރު ޓެސްޓުތަކަށާއި ފަރުވާއަށް މާލެ ގެނެސްފައެވެ.
Ads by MACL
