ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭގެ ފުލް-ސްކޭލް އެމަޖެންސީ ތަމްރީނަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވައިފި

ވީއައިއޭގެ ފުލް-ސްކޭލް އެމަޖެންސީ ތަމްރީނަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ކުރިއަށް އޮތް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް ތައްޔާރުވުމުގެ ގޮތުން، ކަމާގުޅޭ އިދާރާތަކުގެ ތައްޔާރީ ހާލަތު ބެލުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

މިމަހުގެ 8 ވަނަ ދުވަހު ވީއައިއޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެފެކްސް 2025" އަކީ އެއާޕޯޓުގައި ދިމާވެދާނެ ކުއްލި ހާލަތެއްގައި އެއާޕޯޓުގެ އެމަޖެންސީ ޕްލޭން، ކަމާގުޅޭ މުއައްސަސާތަކުގެ އެސްއޯޕީތައް އަދި ތަމްރީނުގައި ބައިވެރިވާ އެއާލައިނުގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި މި ހަރަކާތުގައި، އެފެކްސްގައި ސިމިއުލޭޝަން ކުރުމަށް ހަމަޖެހިފައިވާ އެމަޖެންސީ ހާލަތު އަސްލަކަށް ބަލައި، އެފަދަ ހާލަތަކަށް އިޖާބަދިނުމަށް އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ވަނީ ވަޒަންކޮށްފައެވެ. ހަރަކާތް ނިމުމުން، ފާހަގަވި ކަންކަމާއި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ.

މި ހަރަކާތުގައި އެމްއޭސީއެލްގެ ކަމާގުޅޭ ޑިޕާޓްމަންޓުތަކުގެ އިތުރުން 18 އިދާރާއަކުން ޖުމްލަ 80 ބޭފުޅުން ބައިވެރިވެފައިވެއެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް، ވީއައިއޭގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށް ބާއްވަން ލާޒިމުކުރާ ތަމްރީނެކެވެ.

ވީއައިއޭގައި އެންމެ ފަހުން ފުލް-ސްކޭލް އެމަޖެންސީ ތަމްރީނެއް ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ. މި އަހަރު ބާއްވާ ތަމްރީނުގައި 33 އިދާރާއަކާއި 391 ވޮލަންޓިއަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.