ޖަވަކަރާގައި ޒަމާނީ މެރިން ރިސާޗް ސެންޓަރެއް ހުޅުވައިފި
ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް، ތިމާވެށީގެ ދިރާސާތަކަށް އާ ދިރުމެއް ދިނުމުގެ މަގްސަދުގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު) އިން ޅ. އަތޮޅު ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރި މެރިން ރިސާޗު ސެންޓަރެއް އިއްޔެ ހުޅުވައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ އަގުބޮޑު އެއް ރައުސުލްމާލު ކަމަށްވާ ކަނޑާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކޮށް ހުޅުވި މި މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ތިމާވެއްޓާއި ޓޫރިޒަމާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމާއި، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކްރައުން އެންޑް ޗަމްޕާގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވީ، އެ ކުންފުނީގެ ހުރިހާ ހިދުމަތެއްގެ ބިންގަލަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަމަށެވެ. އެގޮތުން، ކުންފުނީގެ ރިސޯޓުތަކުގައި ބޭނުންކުރާ ކަރަންޓުގެ 30 އިން 40 ޕަސެންޓަކީ މިހާރު ވެސް އަވިން އުފައްދާ ހަކަތަ ކަމަށް ފާހަގަކުރެއްވި އެވެ. ސޮލާހު ވިދާޅުވީ މި މަރުކަޒަކީ ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުޅުވުނު އަގުހުރި ފުރުސަތެއް ކަމަށެވެ.
Ads by BMLތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ޓޫރިޒަމްގެ ސިނާއަތުން އިސްނަގައިގެން މިފަދަ މުހިންމު މަސައްކަތެއް ފެށުމަކީ ސަރުކާރަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތައް ބައްޓަންކުރުމުގައި އިލްމީ ދިރާސާތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ޅ. އަތޮޅު ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތަށް މި މަރުކަޒުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މަރުކަޒު ހުޅުވުމާއެކު، ދާއިރާގެ ބައިނަލްއަގްވާމީ މާހިރުން އެއްތަންކޮށް، ރާއްޖޭގެ ފުރަތަމަ "އެޓޯލް މޯލްޑިވްސް ވޯކްޝޮޕް" ވެސް ވަނީ ފަށާފަ އެވެ. ނިއުޒިލެންޑުގެ އޮކްލެންޑް ޔުނިވާސިޓީ އާއި އެމެރިކާގެ އީޕީއޭއާ ގުޅިގެން ފަސް ދުވަހަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ރާއްޖެ އާއި ބޭރުގެ 28 ސައިންސްވެރިން އެ ބޭފުޅުންގެ ދިރާސާތަކާއި ހޯދުންތައް ހިއްސާކުރާނެ އެވެ. މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ އަތޮޅުތައް އުފެދިފައިވާ ގޮތާއި އޭގެ ތިމާވެށީގެ ނިޒާމާ ގުޅޭ ދިރާސާތަކަށެވެ.
މި ރިސާޗު ސެންޓަރުގައި ތަފާތު ދިރާސާތަކަށް ހާއްސަ ފަސް ލެބޯޓަރީއާއި، ކަރަންޓީން ފެސިލިޓީތަކާއި، ކިޔަވައިދިނުމަށް ބޭނުންވާ ކުލާސްރޫމްތައް ހިމެނެ އެވެ. މީގެ އިތުރުން، ވެލާކަހަނބަށް ފަރުވާދިނުމަށް ހާއްސަކޮށް، "އޮލިވް ރިޑްލީ ޕްރޮޖެކްޓް" އާ ގުޅިގެން "ޓާޓަލް ހެލްތު އިންސްޓިޓިއުޓެއް" ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަންނަ މަހު ނިމޭނެ ކަމަށް ބެލެވޭ މި އިންސްޓިޓިއުޓުގައި ސްޓެމް ސެލް ތެރަޕީ ފަދަ އެންމެ ޒަމާނީ ފަރުވާތައް ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޖަވަކަރާއިން ބުނެ އެވެ.
Ads by MACL
