ރާއްޖެއާ ޗައިނާ އިން 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެއާއި ޗައިނާ އިން މިއަދު 11 އެމްއޯޔޫގައި ސޮއިކޮށް، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށްފި އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެވުނީ ޝަންގްހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ބެއިޖިންގަ އެވެ.
މި އެމްއޯޔޫތަކުގެ ތެރޭގައި މީހުން ބިނާކުރުމާއި އިގްތިސާދީ ތަރައްގީ އާއި އިންފްރާސްޓްރަކްޗާ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތައް ހިމެނެ އެވެ.
ރައީސް އޮފީހުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މި އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫގައި ފިޝަރީޒް އެންޑް މެރިޓައިމް ލޮޖިސްޓިކް ހަބެއް ގާއިމުކުރުމާއި ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީއާ ގުޅޭ އެއްބަސްވުމެއް ހިމެނެ އެވެ. މި އެމްއޯޔޫތަކަކީ ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުމަށް އެއްބާރުލުން ދިނުމަށް އެހީތެރިވެދޭނެ ކަމަށް ރައީސް އޮފީހުން ފާހަގަކުރެ އެވެ.
Ads by BMLރައީސް މުއިއްޒު ޗައިނާއަށް ފުރަތަމަ ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުން ފެށިގެން ދެ ގައުމުގެ ގުޅުން ވަނީ ފުޅާވެފަ އެވެ. އެ ދަތުރުފުޅުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހު ޗައިނާއަށް ފެއްޓެވި މި ރަސްމީ ދަތުރުފުޅުގައި ރައީސް ޝީ ޖިންޕިންގެ އިތުރުން އެކި ގައުމުތަކުގެ ވެރިންނާ ރައީސް މުއިއްޒު ވަނީ ބައްދަލުކުރައްވާފަ އެވެ. ޗައިނާ އާއި ރާއްޖޭގެ ދިދަ ފެންނަން ހުންނަ ކޮންފަރެންސް ރޫމެއްގައި ދެ ގައުމުގެ އެއްބަސްވުންތަކުގައި ސޮއިކުރާ މަންޒަރު ހިމެނޭ ތަސްވީރެއް ވެސް އެ ބައްދަލުވުމުގެ ތެރެއިން ފެނިގެންދާނެ އެވެ.
Ads by MACL
