އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމަށް ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖެއަށް
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން، ފަލަސްތީނުގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ތަމްރީނު ކޭމްޕެއް ބޭއްވުމަށް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ފުރުސަތު އެ ޓީމަށް ހުޅުވާލުމަށް ދިވެހި ސަރުކާރުން ނިންމާފައިވާއިރު، މިއީ ހަނގުރާމައިގެ ހާލަތުގެ ސަބަބުން ތަމްރީނު ހެދުމަށް ދަތިވެފައިވާ ފަލަސްތީނަށް ދިވެހިރާއްޖެއިން ދިން އެހީތެރިކަމެކެވެ.
މި ކޭމްޕާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ތޯރިގު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި، ކޭމްޕްގެ ޚަރަދުތަކާއި ޓީމަށް ފަހިކޮށްދޭންޖެހޭނެ އިންތިޒާމުތަކާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.
Ads by BMLފަލަސްތީނުގެ ގައުމީ ޓީމު ރާއްޖޭގައި ކޭމްޕް ކުރާނީ އަންނަ ނޮވެމްބަރު މަހުގެ 8 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ގައުމުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ކުޅިވަރުގެ ހަރަކާތްތައް ހިންގުމާއި، މުބާރާތްތަކަށް ތަމްރީނު ހެދުމުގެ ފުރުސަތު އެ ގައުމުގެ ޓީމުތަކަށް ވަނީ ގެއްލިފައެވެ. އެހެންކަމުން، ބައިނަލްއަގްވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ފަލަސްތީނުން އަންނަނީ އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަމުންނެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ، މިއީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، ކުޅިވަރުގެ ތެރެއިން ފަލަސްތީނަށް އެހީވުމަށް ނިންމި މުހިންމު ނިންމުމެއް ކަމަށެވެ.
ފަލަސްތީނުގެ ޒުވާން ޓީމު ތައްޔާރުވަމުން އަންނަ އޭޝިއަން ކަޕް ކޮލިފައިން ބުރު އިންޑިއާގައި ކުރިއަށްދާނީ ނޮވެމްބަރު 22 އިން 30 ގެ ނިޔަލަށެވެ. ފަލަސްތީނު ހިމެނޭ ގްރޫޕް ޑީ ގައި އެ ޓީމުގެ އިތުރުން ވާދަކުރާނީ އިންޑިއާ، އިރާން، ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.
Ads by MACL
