ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޓީޑީ އުވާލުމުން، އިންސާފު ހޯދަން ކޯޓަށް ދާން ނިންމައިފި

އެމްޓީޑީ އުވާލުމުން، އިންސާފު ހޯދަން ކޯޓަށް ދާން ނިންމައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، އެއީ ބޭއިންސާފު ނިންމުމެއް ކަމަށް ބުނެ އިންސާފު ހޯދުމަށް ޝަރުޢީ ހުރިހާ މަރުހަލައެއްގައި މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެމްޓީޑީ އުވާލާފައި ވަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށް ގާނޫނުން ކަނޑައަޅާފައިވާ 3،000 މެންބަރުންގެ އަދަދު، ދިން މުއްދަތުގެ ތެރޭގައި ހަމަކުރެވިފައި ނުވާތީ އެވެ. މި ނިންމުމާއެކު އެމްޓީޑީ ވަނީ މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވެސް އުނިކޮށްފަ އެވެ.

އެމްޓީޑީން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އީސީގެ މި ނިންމުމަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ފުނޑުފުނޑުކޮށް، ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅައި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ދުސްތޫރީ ހައްގުތަކަށް އަރައިގަތުން ފަދަ އަމަލެކެވެ. އެ ޕާޓީން ވަނީ މިކަމަކީ މިނިވަންކަމާއެކު ސިޔާސީ މަސައްކަތް ކުރުމުގެ އަސާސީ ހައްގަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވެސް ސިފަކޮށްފަ އެވެ.

ޕާޓީގެ ހައްގުގައި ކުރާ މަސައްކަތުގައި ޑިމޮކްރެޓިކް މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން ބައިނަލްއަގްވާމީ ބައިވެރިންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެމްޓީޑީން ބުނެފައިވެ އެވެ. އީސީން ވަނީ އެމްޓީޑީ އުވާލަން މިދިޔަ މަހުގެ 26 ގައި އިއުލާނުކޮށް، އެ ޕާޓީން ދައްކަންޖެހޭ ދަރަންޏެއް ވާނަމަ، އެކަން ހުށަހަޅައި ނިންމުމަށް މިދިޔަ މަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފަ އެވެ.