ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބަނދަރުގައި ނުގެންގޮސް ހުރި މުދާތައް އެމްޕީއެލްއިން ނީލަމުގައި ވިއްކާލަނީ

ބަނދަރުގައި ނުގެންގޮސް ހުރި މުދާތައް އެމްޕީއެލްއިން ނީލަމުގައި ވިއްކާލަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން، މާލެ ވިޔަފާރި ބަނދަރުގައި އެތެރެކުރުމަށްފަހު، ވެރިފަރާތުން ނުގެންގޮސް ގިނަ ދުވަސްވެފައިވާ މުދާތައް ނީލަމެއްގައި ވިއްކާލުމަށް ތައްޔާރުވެއްޖެއެވެ. މި ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 އަދި 18 ވަނަ ދުވަހުއެވެ.

އެމްޕީއެލްގެ އޮންލައިން އޮކްޝަން ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ މި ނީލަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައެވެ. އަދި ނީލަން ނިމޭނީ ޖެހިގެން އަންނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ. ނަމަވެސް، އެންމެ ފަހުން އަގެއް ހުށަހެޅުމުން ފަސް މިނެޓުގެ ފުރުސަތެއް ދެވޭނެއެވެ. އެ މުއްދަތުގައި އިތުރު އަގެއް ހުށަނާޅައިފިނަމަ ނީލަން ބަންދުކޮށްލާނެއެވެ.

ނީލަމުގައި ބައިވެރިވުމުގެ ކުރިން، ވިއްކާލުމަށް ހަމަޖެހިފައިވާ މުދާތައް ބަލާލުމުގެ ފުރުސަތު އެމްޕީއެލްއިން ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:30 ގައި ލިބިގެންދާނެއެވެ. މުދާ ބެލުމަށް އެދޭ ފަރާތްތަކުން އެ ދުވަހުގެ 3:30 ގެ ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެން ޖެހޭނެއެވެ. އަދި މުދާ ބެލުމަށް ޕޯޓު ސަރަޙައްދަށް ވަންނައިރު ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ސޭފްޓީ ޝޫޒް ނުވަތަ ބޫޓަށް އެރުމަކީ މަޖުބޫރުކަމެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.

މި ނީލަމާ ގުޅޭގޮތުން އެމްޕީއެލްއިން ފާހަގަކޮށްފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ސްކްރެޕްގެ ގޮތުގައި ވިއްކާ މުދާ ރާއްޖެއިން ބޭރަށް އަލުން އެކްސްޕޯޓް ކުރަންޖެހުން ހިމެނެއެވެ. މީގެ އިތުރުން، ދިފާޢީ ވުޒާރާއިން ހޯދަންޖެހޭ ކެމިކަލް ޕާމިޓް ފަދަ ޚާއްސަ ހުއްދަތައް، މުދާ ނީލަމުން ނަގާ ފަރާތުގެ ޒިންމާއެއްގެ ގޮތުގައި ހޯދަންޖެހޭނެއެވެ. ނީލަމުން މުދާ ކާމިޔާބުކުރާ ފަރާތްތަކަށް، އެ މުދާ ބަނދަރުން ކްލިއަރ ކުރުމަށް 10 ދުވަހުގެ މުއްދަތެއް ސްޓޯރޭޖް ފީއަކާ ނުލައި ލިބޭނެއެވެ.

އެމްޕީއެލްއިން މި ނީލަން ކުރިއަށް ގެންދަނީ، 2022 ވަނަ އަހަރު ގެޒެޓްކޮށްފައިވާ "މުދާ ނީލަންކިޔުމުގެ ގަވާއިދު" އާ އެއްގޮތަށެވެ. އަދި މި ފަހަރުގެ ނީލަމުގައި ވިއްކިގެން ނުދާ މުދާތައް، ދެވަނަ ފަހަރަށް ނީލަމަށް ލާނެކަމަށާއި، އެކަން އޮކްޝަން ޕޯޓަލް މެދުވެރިކޮށް އާންމުކުރާނެ ކަމަށްވެސް އެމްޕީއެލްއިން މަޢުލޫމާތު ދެއެވެ.