އަމީނީމަގުން 1469 އަކަފޫޓުގެ ގެއެއް ނީލަމަށް، ފެށޭ އަގު 30.2 މިލިއަން!
މާލޭގެ އަމީނީމަގުގައި ހުރި 1469 އަކަފޫޓުގެ ބޮޑު ގެއެއް 30.2 މިލިއަން ރުފިޔާއަށް ވުރެ ދަށް ނޫން އަގަކަށް ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނީލަމެއް ހުޅުވާލައިފިއެވެ. ގ. ފަނަސް ނަމަކަށް ކިޔާ މި ގެ ވިއްކާލަން ނިންމާފައިވަނީ، އެ ބޭންކުން ދޫކޮށްފައިވާ ފައިނޭންސިން ފެސިލިޓީއަކަށް ފައިސާ ދައްކާފައިނުވުމުގެ ސަބަބުންނެވެ.
މި ގެ ނީލަމަށް ލާފައިވަނީ ހުރަވީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނެގި 3.4 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 52.5 މިލިއަން ރުފިޔާ)ގެ "ޓްރޭޑް މުރާބަހާ ފައިނޭންސިން" ފެސިލިޓީއަކަށް ރަހުނެއްގެ ގޮތުގައި ބަހައްޓާފައިވާތީއެވެ.
އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ސިވިލް ކޯޓުން 2022 ވަނަ އަހަރު ވަނީ އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏަށް އަމުރުކޮށްފައެވެ. ނަމަވެސް އެ ހުކުމާ އެއްގޮތަށް އަމަލުކޮށްފައިނުވުމުން، ރަހުނުކޮށްފައިވާ ގެ ވިއްކާލައިގެން ބޭންކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެމްއައިބީން މިހާރު ވަނީ ނިންމާފައެވެ.
Ads by BMLމި ނީލަމުގައި ބައިވެރިވެ، އަގު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ނީލަމަށް ހުށަހެޅޭ އެންމެ ދަށް އަގަކީ 30,230,000 (ތިރީސް މިލިއަން ދުއިސައްތަ ތިރީސް ހާސް) ރުފިޔާއެވެ. ބިޑްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އެމްއައިބީ ހުންނަ މ. ފާމުދޭރީގެ އިމާރާތުގައެވެ.
ނީލަން ކުރިއަށްދާ މުއްދަތުގައި، ކޮންމެ ދުވަހަކު ހުށަހެޅޭ އެންމެ ඉහළ އަގު އެމްއައިބީގެ ވެބްސައިޓްގައި ޝާއިއުކުރަމުންދާނެއެވެ. ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި، ޖެހިޖެހިގެން ފަސް ދުވަސް ވަންދެން އެންމެ މަތީ އަގަށް ބަދަލެއް ނާންނަ ނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ގެ ވިއްކާލުމަށް ނިންމައި އެކަން އަންގާނެއެވެ.
ނީލަމަށް އަގު ހުށަހަޅާ ފަރާތްތަކުން 100,000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް، ބިޑާއެކު ހުށަހަޅަންޖެހެއެވެ. މި ބިޑް ސެކިއުރިޓީއަކީ ވިޔަފާރިކުރާ ބޭންކަކުން ދޫކޮށްފައިވާ އެއްޗަކަށް ވާންޖެހޭއިރު، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހުންނަންވާނެއެވެ.
Ads by MACL
