އެއާޕޯޓްގެ ފުލް-ސްކޭލް އެމަޖެންސީ ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ބާއްވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބާއްވަން ހަމަޖެހިފައިވާ ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް ތައްޔާރުވުމުގެ ގޮތުން، އެއާޕޯޓުގައި ދިމާވެދާނެ ކުއްލި ހާލަތެއްގައި طبي ފަރުވާ ދިނުމާއި ކަންކަން މެނޭޖް ކުރުމާ ގުޅޭ ޚާއްސަ ތަމްރީނެއް ބާއްވައިފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިސްނަގައިގެން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، އޭޑީކޭ، މޯލްޑިވްސް މެޑިކަލް ސާވިސަސް (މެމްސް) އަދި އެއާޕޯޓް އެމަޖެންސީ ސާވިސަސް ހިމެނޭހެން، ސިއްހީ ދާއިރާގެ ޖުމްލަ 73 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މިމަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފެކްސްގެ މައިގަނޑު މަޤްޞަދަކީ އެއާޕޯޓުގައި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ވީއައިއޭގެ އެމަޖެންސީ ޕްލޭން، ކަމާބެހޭ މުއައްސަސާތަކުގެ އެސްއޯޕީތައް، އަދި ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ އިމަޖެންސީ ޕްލޭންތަކަށް ކިހާވަރަކަށް އަހުލުވެރިވެފައިވޭތޯ ބަލައި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުމެވެ.
Ads by BMLއެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް، ވީއައިއޭގެ ތައްޔާރީ ހާލަތު ވަޒަންކުރުމަށް ބޭއްވުން ލާޒިމުކުރާ ހަރަކާތެކެވެ.
ވީއައިއޭގައި އެންމެ ފަހުން މިފަދަ ފުލް-ސްކޭލް އެކްސަސައިޒެއް ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ. މި އަހަރު ބާއްވާ އެފެކްސްގައި 33 އިދާރާއަކުންނާއި، ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
