ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޮޅިވަރަމުގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން އެމްއޭސީއެލްއާއެކު ސޮއިކޮށް ބިންގާ އަޅައިފި

އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އެމްއޭސީއެލް
އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އެމްއޭސީއެލް

ހދ. ނޮޅިވަރަމްގެ ރައްޔިތުންނަށް ހާއްސަކޮށްގެން ޒަމާނީ ފެންވަރަށް މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށް، އެ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.

ނޮޅިވަރަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުالله ރާފިއުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ވަނީ އެތަނުގެ ބިންގާ އަޅާފައެވެ. ބިންގާ އަޅުއްވައިދެއްވުމުގައި ވަޒީރު ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ ޝަރީފުގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އަދި ނޮޅިވަރަމް ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ހުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުއަކީ، ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާ އާއި އެމްއޭސީއެލްއާ ދެމެދު 18 އޮގަސްޓް 2025 ގައި ސޮއިކުރެވުނު ބޮޑު އެއްބަސްވުމެއްގެ ދަށުން ހިންގޭ މަޝްރޫއެކެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2026 ވަނަ އަހަރުގެ ނިޔަލަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ. ނޮޅިވަރަމްގައި މި ގާއިމުކުރެވޭ ކޮމްޕްލެކްސްއަކީ އެ ވައުދުފުޅު ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.