ދިގުރަށު މިސްކިތުގެ މަސައްކަތް ހުއްޓާލައިފި ކަމަށް ބުނެ ރާއްޖެ ޓީވީން ހެދީ ދޮގެއް: ޑރ.ޝަހީމް
ސަރުކާރު ބަދަލުވުމާއެކު އަލިފު ދާލު ދިގުރަށުގައި އަޅަމުން އަންނަ މިސްކިތުގެ މަސައްކަތް ހުއްޓިފައިވާކަމަށް ރާއްޖެ ޓީވީން ގެނެސްދިން ޚަބަރަކީ ހަގީގަތާ ހިލާފު ދޮގެއްކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ފޮޓޯއާއި ތަފާސްހިސާބާއެކު އެކަން ހާމަކުރައްވައިފިއެވެ. މި ސަރުކާރުން މަސައްކަތް ހުއްޓުވާލުމުގެ ބަދަލުގައި، މިހާތަނަށް ދެ މިލިއަން ރުފިޔާ ޚަރަދުކޮށް މަސައްކަތް ގާތްގަނޑަކަށް ނިމުމަކަށް ގެނެސްފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް "އެކްސް" ގައި ހިއްސާކުރެއްވި މައުލޫމާތުތަކާއެކު، ސަރުކާރު ބަދަލުވިއިރު މިސްކިތް ހުރި ހާލަތު ދައްކުވައިދޭ ފޮޓޯތަކެއް ވަނީ އާންމުކުރައްވާފައެވެ. އޭރު މިސްކިތުގެ މުންނާރު ނެތް ކަމަށާއި، ހުރީ ހަމައެކަނި މުންނާރުގެ އެތެރޭގެ ހަރުގަނޑުކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، މިހާރު މުންނާރު އެޅުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށާއި، އަމާޒަކީ ވީހާވެސް އަވަހަކަށް މިސްކިތް ރައްޔިތުންނަށް ހުޅުވާލުން ކަމަށެވެ.
މި ޚަބަރާ ގުޅިގެން ރާއްޖެ ޓީވީގެ ޕޯސްޓަށް ކޮމެންޓް ކުރެއްވުމަށް މިނިސްޓަރު ޝަހީމަށް ފުރުސަތު ލިބިވަޑައިގެންފައެއް ނުވެއެވެ. ސަބަބަކީ އެ މީޑިއާގެ ރަސްމީ "އެކްސް" އެކައުންޓުން މިނިސްޓަރު ބްލޮކްކޮށްފައި އޮތުމެވެ. އެކަމުގެ ހެއްކާއެކު ޕޯސްޓެއް ކުރައްވައި، ކޮމެންޓެއް ކުރުމަށްޓަކައި ވަގުތީ ގޮތުން ނަމަވެސް އަންބްލޮކް ކޮށްދިނުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ. "މީޑިއާގެ މިނިވަންކަން ނުދީ ތިހެން ހަދާކަށް ނުވާނެއެއްނު،" ޝަހީމް ވިދާޅުވެފައިވެއެވެ.
Ads by BMLއިދިކޮޅު އެމްޑީޕީގެ ބައެއް ބޭފުޅުންގެ ނުފޫޒު އޮންނަ ރާއްޖެ ޓީވީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ މީޑިއާއެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވަނީ ރާއްޖެ ޓީވީން މީހުންނަށް ދޮގު ހަދައި، އޮޅުވާލައި "ފިތުނަ" އުފައްދާކަމަށް ވިދާޅުވެ އެ ޗެނަލަށް ފާޑުވިދާޅުވެފައެވެ.
Ads by MACL
