ތަފާތު މެސެޖަކާއެކު "ކަނބުލޮ" އަށް ބެލުންތެރިންގެ ހޫނު ތަރުޙީބެއް
ކާމިޔާބު ދިވެހި ފިލްމު "ކަމަނާ" ގެ ފަހަތުގައިވާ ހުނަރުވެރި ޓީމުން ގެނެސްދިން އެންމެ ފަހުގެ ފިލްމު "ކަނބުލޮ"، މިދިޔަ އޯގަސްޓް 31 ގައި ޕްރިމިއަރ ކުރުމާއެކު، ބެލުންތެރިންގެ ފަރާތުން ވަރަށް ހޫނު ތަރުޙީބެއް ލިބެން ފަށައިފިއެވެ.
ފިލްމު ބެލި އެތައް ބަޔަކު ދަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި އެއް އަޑަކުން މި ފިލްމަށް ތަޢުރީފުކޮށް، ފިލްމުން ދޭ މުހިންމު މެސެޖުތަކުގެ ވާހަކަ ދައްކަމުންނެވެ. އެގޮތުން، މިއީ ދިވެހި މުޖުތަމަޢުއަށް މިވަގުތު އެންމެ ބޭނުންތެރި އެއް މެސެޖު ފޯރުކޮށްދޭ ފިލްމު ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
މި ފިލްމު ބެލުންތެރިންގެ މެދުގައި މަގުބޫލުވެފައިވަނީ ހަމައެކަނި ފިލްމުގެ ފަންނީ ފެންވަރު ރަނގަޅުކަމުން އެކަންޏެއް ނޫނެވެ. މުޖުތަމަޢުގައި ވަބާއެއް ފަދައިން ފެތުރިފައިވާ ޖިންސީ އަނިޔާގެ ނާޒުކު މައްސަލައަށް އަލިއަޅުވާލައި، އަންހެނުންނަށް ކުރެވޭ ބޭއިންސާފާ ދެކޮޅަށް ތެދުވުމަށް ހިތްވަރު ލިބިދޭ މި ފިލްމަކީ، ނުބަލާ ދޫކޮށްލެވެން ނެތް ފިލްމެއް ކަމަށް ބެލުންތެރިން ސިފަކުރެއެވެ. ފިލްމީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުންވެސް ވަނީ ފިލްމުގެ ތަރިންގެ ފުރިހަމަ އެކްޓިންއާއި ޕްރޮޑަކްޝަން ޓީމުގެ ބުރަ މަސައްކަތް ފާހަގަކޮށް، މިއީ ފެންވަރު ރަނގަޅު އުފެއްދުމެއްކަމަށް ބުނެފައެވެ.
Ads by BMLފިލްމަށް ލިބެމުންދާ ބޮޑު ތަރުޙީބާ ގުޅިގެން، އޮލިމްޕަހުގައި ދައްކަމުންދާ ގިނަ ޝޯތައް މިހާރުވެސް ވަނީ ހައުސްފުލްވެފައެވެ. އެހެންކަމުން، ބެލުންތެރިންގެ އެދުމުގެ މަތިން ހަފްތާ ބަންދު ދުވަސްތަކުގައި ދަންވަރުގެ ޝޯތަކާއި، އިތުރު ޝޯތައްވެސް ވަނީ ހުޅުވާލާފައެވެ. މާލޭގެ އިތުރުން، ރާއްޖޭގެ ސަތޭކައަށްވުރެ ގިނަ ރަށާއި، ބައެއް ރިސޯޓުތަކުގެ އިތުރުން އަވަށްޓެރި ސްރީލަންކާގައިވެސް ފިލްމު އެޅުވުމަށް މިހާރު ވަނީ ތާވަල්ކޮށްފައެވެ.
"ކަނބުލޮ" އަކީ ސެޓާން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ބިނާކޮށްފައިވަނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން އެއްވަނަ ހޯދި "ޔުކްތާ" ވާހަކައިގެ މައްޗަށެވެ. ކުޅަދާނަ ސްކްރީންޕްލޭ ރައިޓަރ މަހުދީ އަޙުމަދު ލިޔެފައިވާ މި ފިල්މުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރަކީ "ކަމަނާ" ގެވެސް ޕްރޮޑިއުސަރ އަލީ ޝާނިޒް މުޙައްމަދެވެ.
ފިލްމުގެ ފަންނާނީ ތަރިންގެ ތެރޭގައި އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަޙްމަދު ނިމާލް، ޝީލާ ނަޖީބު، އަޙްމަދު އީސާ (އާނަންދު)، ވާޝިއާ މުޙައްމަދު އަދި މަރިޔަމް ޝަކީލާ ފަދަ ހުނަރުވެރި ތަރިން ހިމެނެއެވެ.
Ads by MACL
