ޗައިނާ ދަތުުރުފުޅަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ މިދިޔަ ހުކުރު ދުވަހު ފެއްޓެވި ދަތުރުފުޅެކެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، އެސްސީއޯ ސަމިޓްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އެހެން ގައުމުތަކުގެ ވެރިންނާއި މަންދޫބުންނާ އެކު މުހިންމު ބައްދަލުވުންތައް ވެސް ރައީސް ބާއްވާފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ދެ ފަރާތުން ވެސް ޒަމާނުއްސުރެ އޮތް ގާތް ގުޅުންތަކާއި، ހިއްސާކުރާ މަސްލަހަތުތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ދިއުމަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
Ads by BMLއެސްސީއޯ ސަމިޓުގެ ހަވާސާގައި، ރައީސް މުއިއްޒު ވަނީ އެހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި، ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި، ހާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދެވަނަ ބޮޑު ހަނގުރާމާގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާ ސަރުކާރުން ވަނީ 11 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި މީހުން ބިނާކުރުން، އިގްތިސާދީ ތަރައްގީ، އިންފްރާސްޓްރަކްޗާ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތައް ހިމެނެއެވެ. ޚާއްސަކޮށް، އައްޑޫގައި ފިޝަރީޒް އެންޑް މެރިޓައިމް ލޮޖިސްޓިކް ހަބެއް ގާއިމުކުރުމާއި، ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީއާ ގުޅޭ އެއްބަސްވުމެއް ވެސް މި ތެރޭގައި ހިމެނެއެވެ. މިއީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެކެވެ.
Ads by MACL
