މާލީ ބަޔާން ހުށަނޭޅި 5 މެންބަރުންގެ މުސާރައިން ކަނޑައި، މަޖިލީހުން ނެރެލުމުގެ ބިރާ ކުރިމަތިވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން، ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާތީ، ސަރުކާރު ހިންގާ ޕީއެންސީގެ ހަތަރު މެންބަރަކާއި އެމްއެންޕީގެ އެއް މެންބަރަކު މަޖިލީހުގެ ޖަލްސާތަކުން ނެރެލައި، މުސާރަ ކެނޑުމުގެ ފުރުޞަތު ބޮޑުވެއްޖެއެވެ. މިކަމުގެ ފުރަތަމަ ފިޔަވަޅުގެ ގޮތުން، އެ ފަސް މެންބަރުންނަށް 15 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅުމަށް އަންގައި، މަޖިލީހުގެ އިދާރާއިން ވަނީ ލިޔުމުން އިންޒާރު ދީފައެވެ.
މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މާލީ ބަޔާން ހުށަހަޅަން ލާޒިމުވާއިރު، އެކަން ކޮށްފައިނުވާ މެންބަރުންނަކީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙުމަދު ޒަމީރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްޠަފާ އިބްރާޙީމް އަދި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހީނެވެ. މީގެ އިތުރުން އެމްއެންޕީގެ ފަރާތުން މާފަންނު އުތުރު ދާއިރާ ތަމްސީލުކުރައްވާ މުޙައްމަދު ނާޒިމް ވެސް ވަނީ މާލީ ބަޔާން ހުށަހަޅުއްވާފައެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 77 ވަނަ މާއްދާގައިވާ ގޮތުން، މާލީ ބަޔާން ހުށަނާޅާ މެންބަރުންނާ މެދު ފިޔަވަޅު އަޅާނީ ވަކި މަރުޙަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ ފިޔަވަޅަކީ 15 ދުވަހުގެ ނޯޓިހެއް ދިނުމެވެ. މަޖިލީހުގެ އިދާރާއިން މިހާރު މިވަނީ އެ ފިޔަވަޅު އަޅާފައެވެ. މި މުއްދަތު ހަމަވާއިރުވެސް މާލީ ބަޔާން ހުށަނާޅައިފިނަމަ، އެ މެންބަރެއްގެ ނަން މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އިއްވައި، ތަޅުމުން ނެރެލާނެއެވެ.
Ads by BMLޤަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ތަޅުމުގައި ނަން އިއްވުމަށްފަހު، އެ މެންބަރަކަށް އަލުން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވޭނީ މާލީ ބަޔާން ހުށަހެޅުމުންނެވެ. ހަމައެއާއެކު، ނަން އިއްވާ ދުވަހުން ފެށިގެން މާލީ ބަޔާން ހުށަނާޅާ ހޭދަވާ ކޮންމެ ދުވަހަކަށް، މެންބަރުގެ މުސާރައިން ދުވާލަކަށް ޖެހޭ ޢަދަދު ކެނޑެމުންދާނެއެވެ.
Ads by MACL
