ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދާންދޫގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބެސްޓް އޯލްރައުންޑަށް އުމްރާ ދަތުރެއް ދީފި!

ދާންދޫގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބެސްޓް އޯލްރައުންޑަށް އުމްރާ ދަތުރެއް ދީފި!

ދާންދޫގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބެސްޓް އޯލްރައުންޑަށް އުމްރާ ދަތުރެއް ދީފިއެވެ. އެގޮތުން، ގއ. ދާންދޫ ސްކޫލުގެ އެންމެ މޮޅު ދެ ދަރިވަރުންނަށް ދޭ "ބެސްޓް އޯލްރައުންޑް" ގެ އިނާމުގެ ގޮތުގައި، ދާންދޫ ކައުންސިލުން ވަނީ އެ ދެ ދަރިވަރުންނަށް އުމްރާގެ މާތް އަޅުކަން އަދާކުރުމުގެ ފުރުސަތު ހަދިޔާކޮށްފަ އެވެ.

މި ޝަރަފްވެރި އިނާމު ލިބިފައިވަނީ އޯލެވެލް އިމްތިޙާނުން ސްކޫލުގެ ބެސްޓް އޯލް ރައުންޑްގެ މަގާމު ހޯދި މުޙައްމަދު ފާއިގް އިލްޔާސް އަށާއި، އޭލެވެލް އިމްތިޙާނުން ބެސްޓް އޯލް ރައުންޑްގެ މަގާމު ހޯދި ފާތިމަތު އަންޖުމް ސޯލިހް އަށެވެ. މި ދެ ދަރިވަރުންނަކީ ޤައުމީ ފެންވަރުގައިވެސް ގަދަ ދިހައެއްގައި ހިމެނިފައިވާ ދެ ދަރިވަރުންނެވެ.

ދާންދޫ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މި ދެ ދަރިވަރުންގެ އުމްރާ ދަތުރު ހަމަޖައްސާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ދަތުރު އިންތިޒާމުކޮށްދީފައިވަނީ "ދަ ޓްރެވަލާ" (ދަތުރުވެރިޔާ ހައްޖު އުމްރާ ގްރޫޕް) ގެ އެހީތެރިކަމާއެކު، ކައުންސިލްގެ އެދުމުގެ މަތިންނެވެ. މިކަމަށްޓަކައި ކައުންސިލުން ވަނީ އެ ގްރޫޕަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކައުންސިލުން ފާހަގަކުރާ ގޮތުގައި، މިއީ ދާންދޫގެ ތާރީޚުގައި ސްކޫލް ދަރިވަރުންނަށް މިފަދަ އަގުހުރި އިނާމެއް ދެވުނު ފުރަތަމަ ފަހަރެވެ. މިއީ ކުރިމަގުގައިވެސް ދަރިވަރުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ފަދަ މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކައުންސިލުން ވަނީ މި ކާމިޔާބީއަށްޓަކައި ދެ ދަރިވަރުންނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.