ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނޑުހުޅުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ ނިމުން ފާހަގަކުރުމަށް ހަވާއަރުވަނީ

ކަނޑުހުޅުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ ނިމުން ފާހަގަކުރުމަށް ހަވާއަރުވަނީ

ގއ. ކަނޑުހުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ކުޅިވަރުގެ ބޮޑު އީދު، 'ސްޕޯޓްސް ފިއެސްޓާ'ގެ ފައިނަލް މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު، މި ފިއެސްޓާގެ ނިމުން ފާހަގަކުރުމުގެ ގޮތުން ރަށު ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ހަވާއެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިއެސްޓާގެ ދަށުން މިއަދު ކުޅެވޭ ފައިނަލް މެޗުތަކަށް ބަލާއިރު، ހަވީރު 16:00 ގައި ކުޅޭ އަންހެން ވޮލީ ފައިނަލްގައި ބައްދަލުކުރާނީ ފެނަކަ އަދި ކައުންސިލް ޓީމެވެ. އަދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ފުޓްސަލް ފައިނަލް މެޗު މިރޭ 20:30 ގައި ކުޅޭއިރު، ފައިނަލްގައި ވާދަކުރާނީ ރުއްގަނޑާ އެފްސީ އާއި ކަންމަތި ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ފުޓްސަލް ފައިނަލް މެޗަށް ފަހުއެވެ. މި ރަސްމިއްޔާތު ކުލަގަދަކޮށް ނިންމާލުމުގެ ގޮތުން މިރޭ 22:00 ގައި ހަވާއެރުވުން އޮންނާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ.

ކަނޑުހުޅުދޫ ކައުންސިލުން އިންތިޒާމްކޮށް، އާރްޑީ ސްޕޯޓްސް ކުލަބާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި ފިއެސްޓާގައި ޖުމްލަ 10 ޓީމު ވަނީ ވާދަކޮށްފައެވެ. އޭގެ ތެރޭގައި ފުޓްސަލް މުބާރާތުގައި 6 ޓީމު އަދި ވޮލީ މުބާރާތުގައި 4 ޓީމު ހިމެނެއެވެ.

މިއީ މިހާތަނަށް ކަނޑުހުޅުދޫގައި ބޭއްވުނު އެންމެ އަގުބޮޑު ކުޅިވަރު ފިއެސްޓާއެވެ. މިގޮތުން ފުޓްސަލް ޗެމްޕިއަން ޓީމަށް 50,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ވޮލީ ޗެމްޕިއަން ޓީމަށް 10,000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފޯރިގަދަ ގިނަ މެޗުތަކެއް ފެނިގެންދިޔަ މި ފިއެސްޓާގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ރަން ތަރި އަލީ އަޝްފާގު (ދަގަނޑޭ) ހިމެނޭހެން ގައުމީ ލެޖެންޑުންގެ ޓީމެއް ވަނީ އެކްސިބިޝަން މެޗެއް ކުޅެފައެވެ. އެ މެޗުގެ ސަބަބުން ފިއެސްޓާއަށް ވަނީ އިތުރު ފޯރިއެއް ލިބިގެން ގޮސްފައެވެ.