ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިމިގްރޭޝަންގެ ހިދުމަތްތަކާ ގުޅޭ އޮޅުންތައް ފިލުވައިދޭން 'އިމިގްރޭޝަން އިންސައިޓްސް'!

އިމިގްރޭޝަންގެ ހިދުމަތްތަކާ ގުޅޭ އޮޅުންތައް ފިލުވައިދޭން 'އިމިގްރޭޝަން އިންސައިޓްސް'!

އާންމުންނަށް އިމިގްރޭޝަންގެ ހިދުމަތްތަކާ ގުޅޭގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، ގިނަ ބަޔަކަށް އޮޅުން އަރާފައިވާ ކަންކަން ސާފުކޮށްދިނުމުގެ މަގުސަދުގައި މޯލްޑިވްސް އިމިގްރޭޝަނުން "އިމިގްރޭޝަން އިންސައިޓްސް" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމްގެ ދަށުން، ޕާސްޕޯޓަށް އެޕްލައިކުރާއިރު ފޮޓޯގަނޑު ހުންނަންޖެހޭ މިންގަނޑުތަކާއި، ސްޕޮންސަރުން ހުށަހަޅަންޖެހޭ ޑެކްލެރޭޝަނާ ގުޅޭ މައުލޫމާތުގެ އިތުރުން، ޑިޕެންޑެންޓް ވިސާ އަށް އެދޭނެ ގޮތް ފަދަ މުހިންމު އަދި އެންމެ އާންމު ސުވާލުތަކަށް ޖަވާބު ދެވިގެންދާނެ އެވެ.

އިމިގްރޭޝަންގެ އޮފިސަރުން ބައިވެރިކޮށްގެން ތައްޔާރުކުރާ ކުރު ވީޑިއޯތަކެއް މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާނެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހް ވިދާޅުވި ގޮތުގައި، މިއީ އިދާރާގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއްގެ މަތިން ޚިދުމަތް ފޯރުކޮށްދިނުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް އެންމެ ފަހުގެ މައުލޫމާތުތައް ތަފްސީލީ ގޮތެއްގައި އާންމުންނާ ހިއްސާކުރަމުންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.