ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މިދިޔަ މަހު އަމަލުކުރަން ފެށި އާ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

މާލެއިން ހައްޔަރުކުރި މި މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ކޯޓުގެ އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރުކުރީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގަ އެވެ. ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކުގެ ބަންދަށް 30 ދުވަސް އަދި ދެން ތިބި ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކުރިން އަމަލުކުރި ގޭންގް ކުށްތަކާ ބެހޭ ގާނޫނުގައި ހުރި ގާނޫނީ ހުރަސްތަކަށް ހައްލެއް ގެނައުމަށްޓަކައި އެ ގާނޫނު އުވާލުމަށްފަހު އާ ގާނޫނެއް ވަނީ ތައާރަފްކޮށްފަ އެވެ. މި އާ ގާނޫނުގައި ގޭންގްތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، ހަރުކަށި ފިޔަވަޅުތައް އެޅޭނެ ގޮތަށް ވަނީ ހިމަނާފަ އެވެ.