ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް މުއިއްޒުގެ މުހިންމު ނިންމުމެއް: އަންހެނުންގެ ކޮމިޓީތަކަށް ދެގުނަ ބޮޑު ބަޖެޓެއް، ރަމަޟާން އިނާޔަތް ކައުންސިލް ބަޖެޓުން

ރައީސް މުއިއްޒު: ވިދާޅުވީ، ގަބޫލުކުރަނީ ދެމެހެއްޓެނިވި ތަރައްގީގެ ފަލްސަފާ ކަމަށާއި އެކަމުގައި އާބާދީ ބޮޑު ރަށްތަކަށް އިސްކަންދޭން ޖެހޭނެ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް
ރައީސް މުއިއްޒު: ވިދާޅުވީ، ގަބޫލުކުރަނީ ދެމެހެއްޓެނިވި ތަރައްގީގެ ފަލްސަފާ ކަމަށާއި އެކަމުގައި އާބާދީ ބޮޑު ރަށްތަކަށް އިސްކަންދޭން ޖެހޭނެ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ރަށްރަށުގެ ކޮމިޓީތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ މުހިންމު ނިންމުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން، މި ކޮމިޓީތަކަށް ރަށްރަށުގެ ކައުންސިލްތަކުން ދޭ ބަޖެޓު ދެގުނަ ބޮޑުކުރުމަށް ރައީސް ވަނީ އަންގަވާފައެވެ. މީގެ އިތުރުން، ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތްތައް ކައުންސިލްތަކުގެ ބަޖެޓުން ދިނުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.

މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަގުސަދަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކޮށް، އެ ކޮމިޓީތަކުން ކުރާ މަސައްކަތްތައް ހަރުދަނާކުރުން ކަމަށް ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. މި ބަދަލުތައް އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ވެސް އަންހެނުންގެ ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން، ކައުންސިލްތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައް ހިމަނާފައިވެއެވެ. މީގެ އިތުރުން، ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ވެސް ވަނީ މަގުފަހިކޮށްފައެވެ. އެގޮތުން، ފައިސާ ދޫކުރާނެ ގޮތްތަކާއި، ކޮމިޓީތަކުން ފައިސާ ބޭނުންކުރާނެ އުސޫލުތައް ބަޔާންކުރުމަށް ވެސް ގާނޫނުގައި ހިމަނާފައިވެއެވެ.

ރައީސް މުއިއްޒުގެ މި ނިންމެވުމާއެކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މާލީ މިނިވަންކަން އިތުރުވެ، އެކޮމިޓީތަކަށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.