ކައުންސިލްތަކުން ހުށަހަޅާ ކަންކަމަށް ސަރުކާރުން އިސްކަންދޭ: މިނިސްޓަރު އާދަމް ޝަރީފް
ކައުންސިލްތަކުން ހުށަހަޅާ ކަންކަމަށް މި ސަރުކާރުން އަމަލީ ސިފަ ގެނެސްދޭނެ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ރަށުގެ ބޮޑުމިނަށް ބަލައިގެން ބަޖެޓު ކަނޑައަޅާ އުސޫލު ބަދަލުކުރުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި ކައުންސިލްތަކުން ހުށަހަޅާ ކަންކަމަށް ސަރުކާރުން އިސްކަންދޭކަން މިކަމުން ހާމަވާ ކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.
"ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރެވޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވިގެން. ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުރެގެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާގެ ސަބަބުން އާބާދީ ކުޑަ ރަށްތަކަށް ލިބޭ މިންވަރު މަދުވެފައިވެއެވެ.
Ads by BMLރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު، ފިސްކަލް ފޯމިއުލާ މުރާޖަޢާކޮށް، ރަށުގެ ބޮޑުމިނަށް ރިޢާޔަތްކުރެވޭ ގޮތަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ. މި ބަދަލަކީ ކައުންސިލްތަކުން ރަށްރަށުގެ ކުރިއެރުމަށް ކުރަން ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާ ބަޖެޓެއްކަމަށް ރައީސް ވިދާޅުވިއެވެ.
Ads by MACL
