ދިވެހިވަންތަ އިސްލާމީ ސިފަތަކުން ދަރިވަރުން ބިނާކުރުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި
ރާއްޖޭގެ ކޮންމެ ދަރިވަރަކީ ދިވެހިވަންތަ އިސްލާމީ ސިފަތަކުން ސިފަ ލިބިގެންވާ ދަރިވަރަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ތަޢުލީމީ ދާއިރާގައި ދަރިވަރުންގެ ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ސިފަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ އެއީ މާނަފުން ތާރީޚެއް އޮތް، ގިނަ ބަޔަކު އެކުވެގެން އިންދި ތަޢުލީމީ ގަހެއް ކަމަށެވެ. މި ގަހުން މިއަދު ދިވެހި ޤައުމަށް ފޮނިމޭވާ ލިބެމުންދާ ކަމަށާއި، ޤައުމީ ފެންވަރުގައި ފަޚުރުވެރި ވަނަތައް ހޯދާ ގިނަ ދަރިވަރުން ތިބި ސްކޫލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ތަޢުލީމަކީ ލިބިގެންވާ ބޮޑު ނިޢުމަތެއްގެ އިތުރުން ޒިންމާއެއް ކަމަށާއި، ތަޢުލީމު ހާސިލުކުރުމަކީ ނިމުމެއް ނޫން ކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެކަމަނާ ވަނީ ތަޢުލީމު ލިބިގަތުމުގައި ދެމިތިބުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ. ކޮންމެ ކުއްޖަކީވެސް އަމިއްލަ ނަފުސަށް ތެދުވެރި، ދީންވެރި، ޤައުމަށް ވަފާތެރި ކުއްޖަކަށް ވާންޖެހޭނެ ކަމަށްވެސް އެކަމަނާ ބަޔާންކުރެއްވިއެވެ.
Ads by BML"ކޮންމެ ކުއްޖަކުވެސް އަމިއްލަ ނަފުސަށް ތެދުވެރިވުމާއި، މާތްވެގެންވާ އިސްލާމްދީނަށް ކަމޭހިތުމާއި، ދިވެހި ޤައުމަށް ވަފާތެރިވުން މުހިންމު. އަދި ކޮންމެ ކުއްޖަކީވެސް އަޚްލާޤު ރަނގަޅު، މަސައްކަތްތެރި ހީވާގި އަދި ރާއްޖެއާއި ދުނިޔެއަށް ލޯހުޅުވިފައިވާ މުސްލިމް ދިވެއްސަކަށްވުން މުހިންމު،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
މިކަންކަމަށް ފަރުވާތެރިވެއްޖެނަމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެ ކަމަށާއި، ދުނިޔޭގައި ހަޤީޤީ މިނިވަންކަން ލިބިގެންދާނެ ކަމަށް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. އެފަދަ ޢިލްމެއް ހާސިލުކުރުމަކީ އިންސާނިއްޔަތަށް ލިބޭނެ ހިޔާވައްސެއް ކަމަށާއި، އެ ދަރިވަރަކީ ވިސްނުން ތަނަވަސް، ހުރިހާ ރޮނގަކުން ޒަމާނާ ފައިހަމަކުރާނެ ދަރިވަރެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ނަފްސަށް ތެދުވެރިވެ، ދީނަށް ކަމޭހިތައި، ޤައުމަށް ވަފާތެރިވެ ތަޢުލީމު ހާސިލުކުރާ ދަރިވަރުން، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމަކީ އެ ދަރިވަރެއްގެ އެންމެ އަގުހުރި ފޭރާން ކަމުގައި ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ތަޢުލީމެއް ދިނުމުގެ ހަޤީޤީ ބޭނުންތަކާމެދު ބެެލެނިވެރިންނާއި މުދައްރިސުން ވިސްނުން މުހިންމުކަން ފާހަގަކުރައްވަމުން، ބިނާ ކުރާ ދަރިވަރަކީ މުސްލިމް ދިވެއްސެއްގެ ގޮތުގައި ބިނާވެގެންދާ ދަރިވަރެއްކަން ކަށަވަރުކުރުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އެކަމަށްޓަކައި ބޭނުންވަނީ ނަމޫނާ ކަމަށާއި، އެ ނަމޫނާ ގޭތެރެއިންނާއި ވެށިން ފެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
Ads by MACL
