'ދަ އިވެންޓްސް ކަލަންޑަރު': ރާއްޖޭގެ ހަރަކާތްތައް ދުނިޔެއަށް ހާމަކުރާނެ އާ ޕްލެޓްފޯމެއް
މޯލްޑިވްސްގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބާއްވާ ހަރަކާތްތަކާއި މައުރަޒުތަކުގެ މައުލޫމާތު އެއްތަނަކުން ފޯރުކޮށްދޭނެ އާ ވެބް ޕްލެޓްފޯމެއް ތަޢާރަފްކޮށްފިއެވެ. 'ދަ އިވެންޓްސް ކަލަންޑަރު' ގެ ނަމުގައި ތަޢާރަފްކުރި މި ޕްލެޓްފޯމަކީ ރާއްޖޭގައި ބާއްވާ ފެސްޓިވަލްތަކާއި، ކުޅިވަރު ހަރަކާތްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ މައުލޫމާތު ދިވެހިރާއްޖެއާއި ބޭރު ދުނިޔެއަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ މަރުކަޒީ ނިޒާމެކެވެ.
ޕްލެޓްފޯމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޚާއްސަ ސިފަތަކާއި ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކުރާނެ ގޮތަކަށް، އެކިއެކި ހަރަކާތްތައް ކުރިއާލާ އިޝްތިހާރުކުރުމެވެ.
މި ކަލަންޑަރުގައި ރާއްޖޭގެ ސަގާފީ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، ވެލްނަސް ރިޓްރީޓްތަކާއި ކެއްކުމާއި ކާބޯތަކެތީގެ މަހާސިންތާތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނެފައިވަނީ މި ކަލަންޑަރު ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޚާއްސަ ސިފަތަކާއި ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކުރާނެ ގޮތަކަށް ކަމަށެވެ. މީގެ ތެރޭގައި ރިސޯޓުތަކާއި އަދި ރަށްރަށުން އަހަރު ތެރޭގައި ރާވާފައިވާ އެކިއެކި ހަރަކާތްތައް ހިމެނެއެވެ.
މިފަދަ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން އެ ހަރަކާތްތަކުގެ މައުލޫމާތު ވިޒިޓް މޯލްޑިވްސްއާ ހިއްސާކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ކުރިއަށްދާ ހުރިހާ ހަރަކާތްތަކެއްގެ މައުލޫމާތު އެއްތަނަކުން ފަތުރުވެރިންނަށް ލިބި، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން އުއްމީދުކުރެއެވެ.
Ads by BML
Ads by MACL
