އެއާޕޯޓު އެމަޖެންސީ އެކްސަސައިޒަކާ ގުޅިގެން ސިނަމާލެ ބްރިޖް ޓްރެފިކަށް ބަދަލުގެންނަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބާއްވާ ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އާ ގުޅިގެން މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ. މި އެކްސަސައިޒް ބާއްވަން ހަމަޖެހިފައިވަނީ 8 ސެޕްޓެމްބަރު 2025 ގައެވެ.
އެފެކްސް އާ ގުޅިގެން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން ބަންދުކުރެވޭނެއެވެ. މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް ހަރަކާތްތެރިވާނެއެވެ. އެހެންނަމަވެސް، މި ހަރަކާތުގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރުސޫރައެއް ނާރާނެ ކަމަށް ވީއައިއޭ އިން މައުލޫމާތު ދެއެވެ.
މި އެކްސަސައިޒްގެ މައިގަނޑު މަޤްސަދަކީ، އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭންގެ ހަރުދަނާކަން، އެއާޕޯޓުގެ މުއައްސަސާތަކުގެ އެސްއޯޕީތައް، އަދި މި ހަރަކާތުގައި ބައިވެރިވާ އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭންތައް ޓެސްޓުކުރުމެވެ. މިއީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.
Ads by BMLމި އަހަރުގެ އެފެކްސައިޒްގައި 32 އިދާރާއަކުން ބައިވެރިވެއެވެ. އަދި 391 ވޮލަންޓިއަރުން ވެސް މި ހަރަކާތުގައި ބައިވެރިވާނެއެވެ. މި އަހަރުގެ ހަރަކާތުގެ ޕާޓްނަރު އެއާލައިނަކީ ގަތަރު އެއާވޭސްއެވެ. ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ.
Ads by MACL
