ހެންވޭރު ވެލްބޯން ގޭގެ ބަދިގެއެއްގައި ރޯވި އަލިފާންގަނޑެއް ނިއްވާލައިފި
ހެންވޭރުގައި ހުންނަ ހ. ވެލްބޯން ގޭގެ ދެވަނަ ފަންގިފިލާގެ ބަދިގެއެއްގައި މިއަދު ރޯވި އަލިފާންގަނޑެއް، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަޔަފައިޓަރުން ނިއްވާލައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.
މިއަދު ހެނދުނު 11:00 ހާއިރު ހިނގި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔަފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ގާތްގަނޑަކަށް 17 މިނިޓުގެ ތެރޭގައި، 11:17 ހާއިރު، އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލްކުރެވިފައެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވެފައިވަނީ ބަދިގޭގެ ހުޑެއްގައެވެ. އަލިފާންގަނޑު ނިއްވާލިއިރު ބަދިގޭގައި ހުރި ކަބަޑުތަކާއި، މިކްސަރު ފަދަ ކަރަންޓު ސާމާނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޚާއްސަކޮށް، މަތީގައި ހުރި ކަބަޑުތަކުގެ ބޮޑު ބައެއް ވަނީ އަނދާ ހުލިވެފައެވެ.
Ads by MACL
