ގަވާއިދާ ޚިލާފަށް ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކުން ހުއްޓުވަން ކަސްޓަމްސް އޮޕަރޭޝަނެއް ފަށައިފި
ގަވާއިދާ ޚިލާފަށް ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކުން ހުއްޓުވަން ކަސްޓަމްސް އޮޕަރޭޝަނެއް ފަށައިފިއެވެ.
ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކަމުންދާ މައްސަލަ ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ކަސްޓަމްސްއިން ފަށާފައިވާއިރު، ސިއްރުން ދުންފަތުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ކަމުގެ މައުލޫމާތު ކަސްޓަމްސްއަށް ލިބެމުން ދާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ޚާއްސަ ގޮތެއްގައި ކަސްޓަމްސްއިން މި އޮޕަރޭޝަން ފަށާފައިވަނީ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހާ ހުންނަ ދުންފަތުގެ ބާވަތްތައް ހުއްޓުވުމަށް ވެސް މެއެވެ.
މި އޮޕަރޭޝަންތަކުގައި ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. ޤާނޫނާ ޚިލާފަށް އެތެރެކޮށްފައިވާ ދުންފަތުގެ ބާވަތްތަކާއި، ގަވާއިދާ ޚިލާފަށް ވިއްކާ ދުންފަތުގެ އުފެއްދުންތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެއެވެ.
Ads by BMLކަސްޓަމްސްއިން އާންމުންނަށް އިލްތިމާސްކުރަނީ ޤާނޫނާ ޚިލާފަށް އެތެރެކޮށްފައިވާ ދުންފަތުގެ ބާވަތްތަކާއި، ހެލްތް މިނިސްޓްރީން ޢާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހައި ހުންނަ ދުންފަތުގެ ބާވަތްތަކާ ގުޅޭ އެއްވެސް މުޢާމަލާތެއް ނުކުރުމަށެވެ. މީގެ އިތުރުން އެފަދަ ތަކެތި ވިއްކާކަން ނުވަތަ އެއްވެސް މުޢާމަލާތެއް ކުރާކަން އެނގިއްޖެނަމަ، ކަސްޓަމްސްގެ ހިލޭ ގުޅޭ ނަންބަރު 1416 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށްވެސް އެދިފައެވެ.
Ads by MACL
