ރެޑްސީ ކޭބަލަށް ދިމާވި މައްސަލައިގައި އުރީދޫ ނެޓަށް އަސަރެއް ނުކުރާނެ: އުރީދޫ
ރެޑްސީގައި އޮތް ބައިނަލްއަޤްވާމީ ފައިބަރ ސަބްމެރިން ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން، އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދޭ އިންޓަނެޓް ޚިދުމަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ޙުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ އިންޓަނެޓް ޚިދުމަތަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، ނިޔާޒް މިހެން ވިދާޅުވެފައިވަނީ އުރީދޫގެ ނެޓްވޯކްގެ ހަރުދަނާކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި އުރީދޫއިން ބޭނުންކުރާ ސަބްމެރިން ކޭބަލްތައް ގުޅާލެވިފައިވަނީ ސިންގަޕޫރު ފަދަ ތަފާތު ސަރަހައްދުތަކާއެވެ. އެހެންކަމުން، އެއް ދިމާލަކުން މައްސަލައެއް ދިމާވި ނަމަވެސް، އެހެން މަގުތަކުން އިންޓަނެޓް ޚިދުމަތް ދެމެހެއްޓޭނެ ގޮތަށް ނެޓްވޯކް ވަނީ ބައްޓަންކުރެވިފައެވެ. މި އިންތިޒާމުގެ ސަބަބުން، ރެޑްސީ ކޭބަލް ކެނޑުމުގެ ސީދާ ނޭދެވޭ އަސަރެއް އުރީދޫގެ ކަސްޓަމަރުންނަށް ނުކުރާނެ ކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.
Ads by BMLރެޑްސީގައި ކޭބަލް ކެނޑުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މެދުއިރުމަތީގެ ޤައުމުތަކަށެވެ. މީގެ ތެރޭގައި ކުވައިތާއި ޔޫއޭއީ ފަދަ ޤައުމުތައް ހިމެނެއެވެ. އަދި އަވައްޓެރި ޕާކިސްތާނަށްވެސް އިންޓަނެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް، އުރީދޫގެ ހަރުދަނާ ނެޓްވޯކް އިންތިޒާމުގެ ސަބަބުން ރާއްޖޭގެ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް މިކަމުގެ ނޭދެވޭ އަސަރެއް ނުފޯރާނެކަމަށް އުރީދޫން ވަނީ ޔަގީންކަން ދީފައެވެ.
Ads by MACL
