ޗައިނާގެ ބޮޑު މައުރަޒެއްގައި މިފްކޯއިން އުފެއްދުންތައް އިޝްތިހާރުކޮށްފި
މިފްކޯއިން، ޗައިނާގެ ފުޖިޔަން ޕްރޮވިންސްގެ ޒިޔަމިން ސިޓީގައި މިހާރު ކުރިއަށްދާ ޗައިނާ އިންޓަރނޭޝަނަލް ފެއާ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް (ސިފިޓް 25) ގައި ބައިވެރިވެ، އެ ކުންފުނީގެ ތަފާތު އުފެއްދުންތައް ބައިނަލްއަގްވާމީ މާކެޓަށް އިޝްތިހާރު ކޮށްފިއެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ފެއާ، މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރ (ލޯކަލް ސޭލްސް އެންޑް މާކެޓިން) އައިޝަތު ރިޔާޒާ ވިދާޅުވީ، މި ފެއާގެ މައިގަނޑު އެއް މަޤްޞަދަކީ ޗައިނާގެ ބާޒާރަށް މިފްކޯގެ އުފެއްދުންތައް ތައާރަފްކޮށް، ބައިނަލްއަގްވާމީ މާކެޓްތަކަށް ވިޔަފާރި ފުޅާކުރުން ކަމަށެވެ. މިފްކޯގެ ސްޓޯލެއް މި ފެއާގައި ބަހައްޓައިގެން އުފެއްދުންތައް ޕްރޮމޯޓް ކުރަމުންދާއިރު، ޒިޔާރަތްކުރާ ފަރާތްތަކަށް މި އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ޗައިނާގައި މިފަދަ ބޮޑު ފެއާއެއްގައި މިފްކޯއިން ބައިވެރިވުމަކީ، އެ ކުންފުނީގެ އުފެއްދުންތަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ލިބެމުންދާ ގަބޫލުކުރުން އިތުރުކޮށް، އާ މާކެޓްތަކަށް ވަނުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
Ads by BMLމިފްކޯއިން މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާގައި ވެސް ވަނީ ބައިވެރިވެފައެވެ. އެފްއެޗްއޭއެމް ފެއާގައި ބަހައްޓާފައިވާ މިފްކޯގެ ސްޓޯލަށް ވެސް އަންނަނީ ފުޅާ ތަރުހީބެއް ލިބެމުންނެވެ.
Ads by MACL
