ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ރައީސް ނިންމަވައިފި
ބ.އަތޮޅު ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން އައިސްފައިވަނީ، ބިން ހިއްކުމުގެ ސަބަބުން ކަނޑުގެ ދިރުންތަކުން މުއްސަނދި ހަނިފަރު ސަރަހައްދަށް ގެއްލުން ލިބިދާނެ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ހަނިފަރަކީ ހާއްސަކޮށް ފެހުރިއްސާއި އެންމަޑި ކާނާ ހޯދުމަށާއި، އާލާވުމަށް ވެސް ބޭނުންކުރާ ސަރަހައްދެކެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުން އެދޭ ކަންކަން އެ ރަށެއްގެ ރައްޔިތުންގެ އެދުމުގެ މަތިން ކުރާނެ ކަމަށެވެ. ދޮންފަނުގެ ރައްޔިތުންގެ އެދުމަށް އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދުވެވަޑައިގެން، އެގްރީމެންޓްގައި ސޮއިކުރެވިފައިވީ ނަމަވެސް، މިހާރު ރައްޔިތުން އެކަން ބޭނުން ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވާތީ، ސަރުކާރުން އެ މަޝްރޫޢު ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަން ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން އަންގާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، "ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް."
Ads by BMLހަނިފަރު ބޭ ސަރަހައްދަކީ ކަނޑުގެ ގިނަ ދިރުންތަކެއް ޖަމާވާ ތަނެކެވެ. ޚާއްޞަކޮށް ފެހުރިއްސާއި އެންމަޑި ކާބޯތަކެތި ހޯދުމަށާއި، ބ.އަތޮޅުގެ ޚާއްޞަ ނިޝާނެއް ކަމުގައިވާ އެންމަޑި އާލާވެ، ވިހެއުމަށް ވެސް މި ސަރަހައްދު ބޭނުންކުރެއެވެ.
މި ދިރުންތަކަކީ ނެތިދިއުމުގެ ނުރައްކަލާ ކުރިމަތިވެފައިވާ ބާވަތްތަކަކަށް ވުމުން، މުޅި ދުނިޔޭގެ ފެންވަރުގައި ވެސް މި ސަރަހައްދަކީ ޤުދުރަތީގޮތުން ވަރަށް އަގުހުރި ތަނެކެވެ. ޔުނެސްކޯއިން ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ފާހަގަކޮށްފައިވާ ބ. އަތޮޅު ހަނިފަރު ސަރަހައްދަކީ ވެލާ ކަހަނބު ބިސްއެޅުމަށާއި، ކިރުދޫނި، ކުރަނގި އަދި މާރަނގަ ފަދަ ދިރުންތައް ހިމާޔަތްވެ ތިބުމަށް ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ.
މި ސަރަހައްދުގެ ޤުދުރަތީ މުއްސަނދިކަމުގެ ސަބަބުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަޝްހޫރު ތަނެކެވެ. ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ މީހުން އެތަނުގައި ފީނުމަށް ޒިޔާރަތްކުރެއެވެ.
Ads by MACL
