ވީއައިއޭގެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެމަޖެންސީ ހާލަތްތަކާ ކުރިމަތިލުމަށް ކުރެވޭ ތައްޔާރީތައް ބެލުމަށްޓަކައި ބޭއްވުނު ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) ކާމިޔާބުކަމާއެކު ނިމިއްޖެއެވެ. މިއީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް، ކުއްލި ހާލަތްތަކަށް ވީއައިއޭ ތައްޔާރުވެފައިވާ މިންވަރު ކަށަވަރުކުރުމަށް ބޭއްވުނު މުހިންމު ހަރަކާތެކެވެ.
މި ހަރަކާތް ކުރިއަށް ދިޔައީ ސެޕްޓެންބަރު 9، 2025 ގައި އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ. ވީއައިއޭގައި ބޭއްވުނު މި ހަރަކާތުގައި 33 އިދާރާއަކުން ބައިވެރިވެފައިވާއިރު، މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ބައެއް ހާލަތްތައް ތަޖުރިބާކުރެވުނެވެ. މި އެކްސަސައިޒްގެ މައިގަނޑު ބޭނުމަކީ އެއާޕޯޓުގެ އެމަޖެންސީ ޕްލޭންތަކާއި، ބައިވެރިވާ މުއައްސަސާތަކުގެ އެސްއޯޕީތައް (ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރޒް) އަދި އެއާލައިންތަކުގެ ކުއްލި ހާލަތްތަކުގެ ޕްލޭންތައް ވަޒަންކުރުމެވެ.
Ads by BMLހަރަކާތް ނިމުމާ ގުޅިގެން ހުޅުލޭ އައިލެންޑް ހޮޓެލްގައި ބައްދަލުވުމެއް ބާއްވައި، ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުއްލި ހާލަތެއްގައި އެމްއޭސީއެލްގެ އެންމެ އިސް ޒިންމާއަކީ މީހުންގެ ފުރާނަ ސަލާމަތްކުރުން ކަމަށާއި، އެކަމަށްޓަކައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ މެދުގައި ރަނގަޅު މުވާސަލާތު ބެހެއްޓުން މުހިންމު ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެފެކްސްއިން ފާހަގަވި ކަންތައްތައް ރަނގަޅުކުރުމަށްޓަކައި އިސްނަގައިގެން މަސައްކަތް ކުރައްވާނެ ކަމަށާއި، ހަރަކާތުގައި ބައިވެރިވި ހުރިހާ އިދާރާތަކުން ދެއްކެވި ފަރުވާތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ހަރަކާތުގެ ތެރެއިން ވީއައިއޭގެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ފެންވަރު ދައްކުވައިދޭ ތަފާތު މަންޒަރުތައް ފެނިގެންދިޔައެވެ.
Ads by MACL
