ގަތަރަށް އިޒްރޭލުން ދިން ހަމަލާ ރައީސް މުޢިއްޒު ކުށްވެރިކުރައްވައި، އަވަސް ފިޔަވަޅުތަކަށް ގޮވާލައްވައިފި
އިޒްރޭލުން މިއަދު ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ އިސްވެރިންނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދިނުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށްޓަކައި އިޒްރޭލާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ދޯހާގެ އެކި ސަރަހައްދުތަކަށް އަމާޒުވި މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް މިހާތަނަށް ސާފުނުވި ނަމަވެސް، މިއީ މިނިވަން ޤައުމެއްގެ ސަރަޙައްދީ މިނިވަންކަމަށް އަރައިގަތުމުގެ ޢަމަލެއް ކަމަށް ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފާހަގަކުރައްވާފައެވެ. އިޒްރޭލުން ތަކުރާރުކޮށް ޤާނޫނާ ޚިލާފަށް ހިންގާ މިފަދަ ޢަމަލުތައް ހުއްޓުވުމަށް އަވަސް ޢަމަލީ ފިޔަވަޅުތަކެއް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެޅުން މުހިއްމު ކަމަށް އެމަނިކުފާނު ވަނީ އިޝާރާތް ކުރައްވާފައެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން މީގެ ކުރިން ވެސް ވަނީ އިޒްރޭލްގެ ޢަމަލުތައް ކުށްވެރިކޮށް، އެ ޤައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. އދ. ގައި ވެސް ދިވެހިރާއްޖެއިން ގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކޮށް، އިޒްރޭލަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.
Ads by BMLއިޒްރޭލާ ދެކޮޅަށް ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓަށް (ICJ) ބައެއް ޤައުމުތަކުން ހުށަހަޅާފައިވާ މައްސަލާގައި ވެސް ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ. މިކަމުން ދައްކުވައިދެނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު ހަރުދަނާކަމާއި، ޢަދުލު އިންސާފަށް ތާއީދުކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމި އޮތް ކަމެވެ.
Ads by MACL
