މި އަހަރު ފަތުރުވެރިކަމަށް 1200 އަށް ވުރެ ގިނަ އެނދު އިތުރުވެ، ފަތުރުވެރިންގެ އަދަދު 9.7% އިތުރުވި
މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 1200 އަށް ވުރެ ގިނަ އެނދު (ބެޑް ކެޕޭސިޓީ) އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ސަބަބުން، ޖުމްލަ 1,525,563 ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ.
އަހަރުގެ ފެށުނުއިރު ރާއްޖޭގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީގައި ހުރީ 63,248 އެނދެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ 42,547 އެނދާއި، ގެސްޓް ހައުސްތަކުގެ 15,621 އެނދާއި، ހޮޓާތަކުގެ 2,028 އެނދާއި، ސަފާރީތަކުގެ 3,052 އެނދު ހިމެނެއެވެ. ނަމަވެސް، މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު ރާއްޖޭގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ވަނީ 64,517 އެނދަށް އަރާފައެވެ. އެއީ 1269 އެނދުގެ ކުރިއެރުމެކެވެ.
މި އިތުރުވުންތަކާއެކު، މިވަގުތު ރިސޯޓުތަކުން 43,247 އެނދު، ގެސްޓް ހައުސްތަކުން 15,588 އެނދު، ހޮޓާތަކުން 2,484 އެނދު އަދި ސަފާރީތަކުން 3,198 އެނދު ހިދުމަތް ދިނުމަށް ތައްޔާރަށް އެބަހުއްޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދު ކުޑަވެފައިވާއިރު، ހޮޓާތަކާއި ރިސޯޓުތަކާއި ސަފާރީތަކުގެ އެނދު އަދަދު ވަނީ އިތުރުވެފައެވެ.
Ads by BMLމިމަހުގެ 8 ވަނަ ދުވަހާ ހަމައަށް، ރާއްޖޭގައި ޖުމްލަ 1,262 ޓޫރިސްޓް ފެސިލިޓީ ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ. މީގެ ތެރޭގައި 174 ރިސޯޓާއި، 911 ގެސްޓް ހައުސްއާއި، 161 ސަފާރީއާއި، 16 ހޮޓާ ހިމެނެއެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 66,617 އެނދެވެ.
މި ތަފާސްހިސާބުތަކުން ދައްކައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދަނީ ކުރިއަރަމުން ކަމާއި، ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހުރި ވަސީލަތްތައް އިތުރުވަމުން ކަމެވެ.
Ads by MACL
