ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަރުކާރުގެ އައިނުފިހާރަތަކުން އެއް މަސް ތެރޭ 3200 އަށް ވުރެ ގިނަ މީހުންނަށް ޚިދުމަތް ދީފި

ސަރުކާރުގެ އައިނުފިހާރަތަކުން އެއް މަސް ތެރޭ 3200 އަށް ވުރެ ގިނަ މީހުންނަށް ޚިދުމަތް ދީފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހުޅުވާފައިވާ އައިނު ފިހާރަތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ހޮސްޕިޓަލް ގްރޫޕުން ހާމަކޮށްފިއެވެ. ފިހާރަތައް ހުޅުވުނުތާ ދޮޅު މަސް ދުވަސް ނުވަނީސް 3200 އަށް ވުރެ ގިނަ މީހުންނަށް މި ޚިދުމަތް ދެވިފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ޖުލައި 27 ގައި އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައިން އެކަނިވެސް މިހާތަނަށް 1080 ފަރާތަކަށް އައިނު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 900 އަށްވުރެ ގިނަ އައިނު ތައްޔާރުކޮށް ނިމިފައިވީނަމަވެސް، އެ އައިނުތައް ހަވާލުވުމަށް އަދިވެސް ގިނަ ބަޔަކު ބާކީ ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ. ޚިދުމަތަށް މިހާ ބޮޑު ޑިމާންޑެއް އޮންނާނެކަމަށް އުއްމީދު ނުކުރައްވާ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

އައިނު ހެދުމަށް އޮތް ބޮޑު އެދުމާ ގުޅިގެން، އައިޖީއެމްއެޗްގެ އައިނު ފިހާރައަށް އިތުރު މެޝިނެއް ގެނެސްފައިވާކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ. މިހާރު ދުވާލަކު އެވްރެޖްކޮށް 35 އިން 40 އައިނު ހަދަމުންދާއިރު، އައު މެޝިނާއެކު މި އަދަދު ދެގުނައަށް އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.